ވިޔަފާރި

ކޯވިޑް-19 : ދަތިތައް އޮޅުންފިލުއްވުމަށް މިނިސްޓަރ ޢަލީ ވަޙީދު ގޭމްއާ ބައްދަލުކުރައްވައިފި


ކޯވިޑް-19ގެ ސަބަބުން ޓުއަރިޒަމް އިންޑަސްޓްރީއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި މިހާރުގެ ހާލަތު އޮޅުންފިލުވުމުގެ ގޮތުން ޓުއަރިޒަމް މިނިސްޓަރ އަލީވަހީދު ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ގޭމްއާ ބައްދަލުކުރައްވައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީގައި ބޭއްވެވި މި ބައްދަލުވުމުގައި ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް މޫސާ ނާސިހު އާއި ބޯޑުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ކޯވިޑް-19 އާ ގުޅިގެން އެޅޭނެ މުހިއްމު ފިޔަވަޅުތަކާއި ބެހޭގޮތުންވެސް ދެފަރާތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ރާއްޖޭގައި މިހާރުވެސް 600 އެއްހާ ގެސްޓްހައުސް ހިންގައެވެ. އަދި މިއީ ބައެއް ރަށްރަށަށް އާމްދަނީ ލިބޭ މައިގަނޑު އެއް ވަސީލަތްވެސް މެއެވެ. އެހެންކަމުން ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ގެސްޓް ހައުސް ސިނާއަތަށް ކުރަމުންދާ އަސަރު ދެނެގަތުމަށް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ގޭމްއިން މިހާރު ވަނީ ޚާއްސަ ސާރވޭއެއްވެސް ފަށާފައެވެ.

މިސަރވޭ ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ކޮރޯނާ ވައިރަސްގެ ސަބަބުން ގެސްޓްހައުސްތަކުގެ ހިންގުމަށް ދަތިތަކާ ކުރިމަތިވާން ފެށުމުން ގިނަ ގެސްޓް ހައުސްތަކެއް އެޖަމްޢިއްޔާއަށް ގުޅާ، ކަންބޮޑުވުން ފާޅުކުރަމުންދާތީ ކަމަށެވެ.

އަދި ސަރވޭ ނިމުމާއެކު ސަރވޭގެ މައްޗަށް ހަދާ ރިޕޯޓު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ހިއްސާކޮށް، ގެސްޓް ހައުސްތަކަށް ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށް ކުރެވޭނެ ކަންތައްތައް އޮޅުން ފިލުވާނެކަމަށްވެސް ގޭމްއިން ބުނެއެވެ.

ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ހީނަރުވެދާނެކަމުގެ ބިރުހީވެފައިވާ މި ދަނޑިވަޅުގައި، އިޤްތިޞާދު ހިއްސާވާ މައި ސިނާޢަތްކަމަށްވާ ޓުއަރިޒަމް އިންޑަސްޓްރީން ދަނީ މި ވައިރަހުގެ ސަބަބުން ޓުއަރިޒަމް އިންޑަސްޓްރީއަށް ކުރިމަތިވަމުންދާ ބަދަލުތައް ދެނެގަތުމުގެ މަސައްކަތްކުރަމުންނެވެ.