ވިޔަފާރި

ކޮވިޑް-19: އޮންލައިންކޮށް ޚިދުމަތް ދިނުމަށް އެމޭޒަންއިން 100،000 މުވައްޒަފުން ހޯދަނީ


ކޯވިޑް-19ގެ ސަބަބުން އެމެރިކާގައި އޮންލައިން ޝޮޕިންއަށް އޮތް ޑިމާންޑު ބޮޑުވެ މިޚިދުމަތް އެންމެ އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުމަށް އެމޭޒަންއިން އެއްލައްކަ މީހުންނަށް ވަޒީފާދޭން ދިންމައިފިއެވެ. އެމޭޒަންއިން މުވައްޒަފުން ހޯދަނީ އެކުންފުނީގެ ވެއަރހައުސްތަކާއި ޑެލިވަރީގައި މަސައްކަތްކުރުމަށެވެ.

ކޯވިޑް-19 ފެތުރެމުންދާ ޤައުމުތަކުގައި ޒަރޫރީ ބޭނުންތަކަށް ނޫނީ އާންމުން ބޭރަށް ނުނިކުތުމަށް ބާރުއަޅަމުންދާއިރު، މިފަދަ ޤައުމުތަކުގެ ރައްޔިތުންވެސް ދަނީ އެކި ބޭނުންތަކުގައި ބޭރަށް ނިކުމެ އުޅުން މަދުކޮށްފައެވެ. އަދި ވިޔަފާރިކުރަން ބޭރަށް ނިކުތުމުގެ ބަދަލުގައި އޮންލައިންކޮށް ވިޔަފާރިކުރުން ވަނީ އިތުރުވެފައެވެ. މީގެ ސަބަބުން ފުޅާ ދާއިރާއެއްގައި އޮންލައިންކޮށް ތަކެތި ވިއްކާ ޚިދުމަތްދޭ ޤައުމުތަކުގައި މިކަމަށް އޮންނަ ޑިމާންޑު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

އެމެރިކާގެ ބައެއް ސިޓީތައްވެސް މިހާރު ވަނީ މި ހާލަތައް އައިސްފައެވެ. އެގޮތުން ކޯވިޑް-19ގެ ސަބަބުން ހާސްކަން ބޮޑުވެ ބައެއް އާންމުން ފިހާރަތަކުން ގަނޑުކޮށް މުދާ ގަތުމުގެ ސަބަބުން ފިހާރަތަކުން މުދާ ދަނީ ހުސްވަމުންނެވެ. އަދި ވިޔަފާރިވެރިންދަނީ އޮންލައިންކޮށް ތަކެތި ގަތުމަށް އާންމުންނަށް ބާރުއަޅަމުންނެވެ.

އޮންލައިން ވިޔަފާރީގެ ޑިމާންޑް ބޮޑުވަމުންދާއިރު ވިޔަފާރިވެރިންގެ ގުދަންތަކާއި، ޑެލިވަރީ ހަރަކާތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަނީ ބުރަ ބޮޑުވެފައެވެ. އެމެރިކާގައި އޮންލައިންކޮށް އެންމެ ފުޅާ ދާއިރާއެއްގައި ޚިދުމަތް ފޯރުކޮށްދޭ އީކޮމާސް ކުންފުނި އެމޭޒަންގެ އިތުރުން ބޮޑެތި ސުޕަރމާކެޓް ޗެއިންތަކުންވެސް ދަނީ އޮންލައިންކޮށް ޚިދުމަތް ހޯދާ ފަރާތްތަކަށް މެދުނުކެނޑި ރަގަނޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި އިތުރު މުވައްޒަފުން ހޯދަމުންނެވެ. އަދި މިގޮތަށް މުވައްޒަފުން ހޯދުމުގައި ކޯވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލުނު ފަރާތްތަކަށް އިސްކަން ދެމުންދާކަން ފާހަގަކޮށްލެވެއެވެ.

ކޯވިޑް-19ގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއާއި، ރެސްޓޯރެންޓްތަކާއި، ދަތުރުފަތުރުގެ ހިދުމަތްދޭ ކުންފުނިތަކާއި މުނިފޫހިފިލުވުމުގެ ދާއިރާއިން ގިނަ ބައެއްގެ ވަޒީފާތައް ވަނީ ގެއްލިފައެވެ.

އެމެރިކާގެ އޮންލައިން ޝިޕިން ކުންފުނި، ޔުނައިޑަޓް ޕާރސަލް ސާރވިސް އިންކްއިން ބުނީ އެކުންފުނީގެ ޑެލިވަރީ ހިދުމަތްތައް އަދިވެސް ދެމުންދާކަމަށެވެ. އަދި މިހާތަނަށް އެކުންފުނީގެ ހިދުމަތްތައް ދެމުންދަނީ މިހާރުވެސް ތިބި މުވައްޒަފުން ލައިގެންކަމަށެވެ. ނަމަވެސް ކުރިޔަށް އޮތްތާގައި ޑިމާންޑު އިތުރުވެއްޖެނަމަ އިތުރު މުވައްޒަފުން ނަގާނެކަމަށެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން އޮންލައިންކޮށް ތަކެތި ގަންނަވަރު އިތުރުވެފައިވާތީ، އެމޭޒަން ފަދަ ބޮޑެތި ކުންފުނިތަކަށްވެސް ހިދުމަތް ފޯރުކޮށްދިނުމުގައި، ހާއްސަކޮށް ތަކެތީގެ ސްޓޮކް ބޭނުންވާވަރަށް ފޯރުކޮށްދިނުމުގައި ދަނީ ދަތިތަކާ ކުރިމަތިވަމުންނެވެ. ބައެއް ހާލަތުގައި ޑެލިވަރީކުރުމުގައި ދިގު މުއްދަތެއްވެސް ނަގައެވެ.

އެމޭޒަންއިން ބުނީ އެންމެ ގިނައިން މީހުން އޮންލައިންކޮށް ވިޔަފާރިކުރާ ދުވަސްވަރު އެކުންފުނީގެ މުވައްޒަފުންގެ އަދަދު 700 ހާހަށްވުރެ ގިނަ ވާކަމަށެވެ. މިހާރުގެ ޑިމާންޑަށް ކޭޓަރކުރުމަށް އެކުންފުނިން 100 ހާށް މީހުން ހޯދަމުންދާއިރު، މިކަމަށްޓަކައި ކުންފުނިން މިދުވަސްވަރު ނަގާ ކޮންމެ މުވައްޒަފަކަށް ކޮންމެ ގަޑިއަކުދޭ 15 ޑޮލަރަށްވުރެ އިތުރު ދެ ޑޮލަރު ދޭނެކަމަށެވެ. އަދި މިމުވައްޒަފުން ހޯދަނީ އޭޕްރިލް މަހުގެ ނިޔަލަށް ޑިމާންޑާ އެއްވަރަށް ކޭޓަރ ކުރުމަށްކަމަށެވެ. މިކަމަށްޓަކާއި އެމޭޒަން ކުންފުންޏަށް 350 މިލިއަން ޑޮލަރު ހަރަދުކުރަންޖެހޭނެއެވެ.