ށ ފުނަދޫގައި އުމުރުން 2 އަހަރު ނުފުރޭ ކުޑަކުއްޖަކު ގެނބިގެން މަރުވެއްޖެއެވެ.
ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވީ ކުއްޖާ ހޮސްޕިޓަލަށް ގެނެވުނު އިރުވެސް މަރުވެފައިވާ ކަމުގައި ޑރ ވިދާޅުވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މަރުވި ކުއްޖަކީ ށ ފުނަދޫ ގުލްޝަން ސުނޫހް އަހުމަދު ކަމަށެވެ. އެކުއްޖާގެ އުމުރަކީ 1 އަހަރާއި 9 މަހެވެ.
މިހާދިސާ ހިނގީ މިއަދުގެ އަސުރުން ފަސްވީފަހުން ކަމުގައި ފުނަދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކުޑަކުއްޖާ ދިރިއުޅެމުން ދިޔައީ މޫދާއި ވަރަށް ކައިރީގައި ހުންނަ ގެއެއްގައި ކަމަށާއި، ކުއްޖާ މޫދު ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ އެކުއްޖާ ގޭގައި ނެތިގެން ހޯދަން ނުކުތް ކުއްޖާގެ މަންމައަށް ކަމަށެވެ.
ފުނަދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ހާދިސާ ހިނގައި ދިޔަގޮތް އަދިވެސް މާބޮޑަށް ސާފުވެފައި ނުވާ ކަމަށާއި، ކުއްޖާގެ މަންމައަށް ވާހަކަ ނުދެއްކޭ ކަމަށެވެ.
ހުސްވިޖެނުއަރީ މަހުގެ 14 ވަނަ ދުވަހު، ފުނަދޫއިން އެކަނި މަހަށް ނުކުމެ އުޅެނިކޮށް ކަރުގައި ނަނު އޮޅިގެން މަރުވެފައި ވަނީ، މިއަދު މަރުވި ކުޑަކުއްޖާގެ މަންމަ ފަރާތުގެ ކާފައެވެ.