ޚަބަރު

ރައީސްގެ ތަހުނިޔާ ނޯވޭގެ އައު ރަސްގެފާނަށް


  • ރަސްގެފާނުގެ ޤާބިލު ލީޑަރޝިޕާމެދު ފުރިހަމަ އިތުބާރު އެބައޮތްކަމަށް ވިދާޅުވި

  • ރާއްޖެއާއި ނޯވޭއާ ދެމެދު ގާތް އެކުވެރި ގުޅުމެއް އޮތްކަން ފާހަގަކުރެއްވި

ނޯވޭގެ އައު ރަސްގެފާނު ހޯކަން 8 ވަނައަށް، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަޙުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ނޯވޭގެ އައު ރަސްގެފާނު، ހޯކަން 8 ވަނަ، ރަސްކަމުގެ ތަޚުތަށް ވެޑުވީ އެކަމަށް ޚާއްސަކުރެވިގެން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ.

މި އިހުތިފާލާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި މެސެޖުގައި، ނޯވޭގެ ރަސްކަމުގެ ދިގު ތާރީޚީ އާދަކާދަތަކާއި ދެމެހެއްޓެނިވި އަގުތައް ނަގަހައްޓަވައި، އެޤައުމުގެ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ރަސްގެފާނު ހޯކަން 8 ވަނައިގެ ޤާބިލު ލީޑަރޝިޕާމެދު ފުރިހަމަ އިތުބާރު އެބައޮތްކަމަށް ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖެއާއި ނޯވޭއާ ދެޤައުމުގެ ދެމެދު އޮތް ޚާރިޖީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދެޤައުމުގެ ދެމެދު އޮތީ އިޙްތިރާމާއި ބަދަހި އުޞޫލުތަކުގެ މައްޗަށް ބިނާވެފައިވާ ގާތް އެކުވެރި ގުޅުމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ރަސްގެފާނު ހޯކަން 8 ވަނައިގެ ރަސްކަމުގައި ދެޤައުމުގެ މެދުގައިވާ އެކުވެރިކަމާއި ބިނާކުރަނިވި ގުޅުން އިތުރަށް ވަރުގަދަވާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ރަސްގެފާނު ހޯކަން 8 ވަނައަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގަންނަވަމުންނެވެ. އަދި ނޯވޭގެ ރައްޔިތުންނަށް އަމާންކަމާއި ފާގަތިކަމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.