ޚަބަރު

މަތީ ގްރޭޑުތަކުގެ ދަރިވަރުން ޤުރުޢާނުން އިމްތިޙާނުކުރުން ފަސްކޮށްފި


މަތީ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުން ކީިރިތި ޤުރުޢާނުން އިމްތިޙާނު ހެދުން ފަސްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ހުރިހާ ސްކޫލަކަށް ފޮނުވާފައިވާ ސާރކިއުލާގައި ވަނީ ޤައުމީ މަންހަޖެއް ތަންފީޒްކުރުމަކީ ވަކި އުސޫލަކުން ކުރާކަމެއްކަމަށާއި، މަންހަޖު ފުރިހަމައަށް ތަންފީޒްކުރާއިރު ޢަމަލީ ގޮތުން ކޮންމެ މަރުހަލާއެއްގައި ބައިވެރިވުމުގެ ފުރުޞަތު ކޮންމެ ދަރިވަރަކަށްވެސް ފުރިހަމައަށް ލިބެންޖެހޭކަމަށެވެ.

ނަމަވެސް ކީ ސްޓޭޖް 4ގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަކީ އެފަދަ ފުރުސަތުތަކެއް ލިބިފައި ނުވާ ދަރިވަރުންތަކެއްކަމަށްވެސް މި ސާރކިއުލާގައިވެއެވެ. އެހެންކަމުން އައު މަންހަޖު ފުރިހަމަ ކުރުމަކީ ދަރިވަރުންނަށް އޮތް ހުރަހެއްކަން ފާހަގަކުރައްވައި އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މިހާރު ކީސްޓޭޖް 4 ގައި ކިޔަވަމުންދާ ދަރިވަރުންނަށް ކީރިތި ޤުރުއާން މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފެށީ މުޅިން އަލަށްކަމަށްވާތީ، އެ ފެންވަރުގައި ޤުރުއާން ކިޔަވައިދިނުމުގައާއި އިމްތިހާނުކުރުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާކަމަށެވެ.

އެހެންކަމުން ކީސްތޭޖް 4ގައި ކިޔަވަމުންދާ ދަރިވަރުން ތިބީ ޤުރުއަން މާއްދާއިން އިމްތިހާނެއް ހަދާ މިންވަރަށް ތައްޔާރު ނުކުރެވިކަމަށްވާތީ، އެކަންކަމަށް ރިޔާއަތްކޮށް ކީސްޓޭޖް 4 އެއްގޮތަށް ދަރިވަރުން ތައްޔާރުކުރެވެންދެން ޤުރުއަނުން އިމްތިހާނުކުރުމުގެ އުޞޫލަށް ޢަމަލުކުރުން ފަސްކުރުމަށް ނިންމާފައިވާކަމަށެވެ.

މިގޮތަށް މިނިސްޓްރީން ނިންމާފައިވަނީ ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުންނާއި ޕްރިންސިޕަލުންނާއ ކަމަގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހުކަމަށާއި، މިގޮތަކީ ދަރިވަރުންނަށް އެންމެ ފައިދާހުރި ގޮތްކަމަށް މަޝްވަރާކުރި ގިނަ ފަރާތްތަކަށް ފެންނަކަމަށެވެ. ކީސްޓޭޖް 4 ގައި މިނެނެނީ ގްރޑް 9 އަދި 10 އެކެވެ.

ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ޤުރުއާން ކިޔަވައިދިނުމުގެ މަސައްކަތް ސްކޫލްތަކުގައި ހަރުދަނާކުރުމަށް މިނިސްޓްރީން އަބަދުވެސް މަސައްކަތްކުރާނެކަމަށްވެސް އެޑިޔުކޭޝަން މިނިސްޓަރު ސްކޫލްތަކަށް ފޮނުވި ސާރކިއުލާގައިވެއެވެ.