ޚަބަރު

ވަސީލަތްތައް ނެތް ކަމަށް ބުނެ ރޮޑްރިގޭޒް އޮޑިއަށް ސޮއެއް ނުކުރި


  • ރޮޑްރިގޭޒް ވަނީ އޮޑިއަށް ކުޅެން ބޭނުންވާކަން ފަހުން ހާމަކޮށްފައި

  • ނަމަވެސް އޮޑިން ވަނީ އެހެން ކުޅުންތެރިޔަކު ހޯދާފައި

ރާއްޖޭގައި އެކަށީގެންވާ ވަސީލަތް ނެތް ކަމަށް ބުނެ އޮޑި ސްޕޯޓްސް ކުލަބާ ގުޅެން އައި، ކުރިން ރެއާލަށް ކުޅުނު މިޑްފިލްޑަރު ހޯސޭ ރޮޑްރިގޭޒް އެ ޓީމަށް ސޮއި ނުކުރަން ނިންމައިފިއެވެ.

ރޮޑްރިގޭޒް ވަނީ ރެއާލްގެ ސްކޮޑުގައި ހިމެނިގެން ޔުއެފާ ޗެމްޕިއަންސް ލީގުގެ އިތުރުން ސްޕެނިޝް ލީގުވެސް ކާމިޔާބުކޮށްފައެވެ. އެކަމަކު އެ ދެ މުބާރާތުގައި ވެސް ރޮޑްރިގޭޒް ފެނިގެންދިޔައީ ބެންޗުންނެވެ. ރޮޑްރިގޭޒް އެންމެ ފުރަތަމަ ޗެމްޕިއަންސް ލީގުގެ މެޗެއް ކުޅެން ފުރުސަތު ދީފައިވަނީ 2012 ވަނަ އަހަރު އޭރުގެ ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯއެވެ. އެއާއެކު އޭރު އުމުރުން 17 އަހަރުގެ ރޮޑްރިގޭޒް ވެގެންދިޔައީ، ޗެމްޕިއަންސް ލީގު މެޗެއް ރެއާލްގެ ޖާޒީގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާއަށެވެ.

"ޕީއެސްއެމް ނިއުސް" އަށް މައުލޫމާތު ލިބުން ގޮތުގައި ރޮޑްރިގޭޒް ވަނީ ރާއްޖޭގެ ޕިޗް ކޮންޑިޝަން އަދި އެކަށީގެންވާ ވަސީލަތް ނެތް ކަމަށް ބުނެ އޮޑިއަށް ކުޅެވެން ނެތް ކަމަށް ބުނެފައެވެ. އެކަމަކު އެ ފަހުން ރޮޑްރިގޭޒް ވަނީ އަލުން އޮޑިއަށް ކުޅެން ބޭނުންވާކަން އެ ކުލަބަށް އަންގައިފައެވެ. އެކަމަކު އޭގެ ކުރިން އޮޑިން ވަނީ ރޮޑްރިގޭޒްގެ ބަދަލުގައި އިތުރު ކުޅުންތެރިއެއް ހޯދައިފައެވެ.

މިކަމާގުޅިގެން އޮޑި ސްޕޯޓްސް ކްލަބުން އަދި ވަކި އެއްޗެކޭ ނުބުނެއެވެ.

މީގެ ކުރިން "ޕީއެސްއެމް ނިއުސް"އާ ވާހަކަ ދައްކަމުން އޮޑި ސްޕޯޓްސް ކްލަބްގެ އޮފިޝަލަކު ވަނީ މި ހަފުތާގެ ތެރޭގައި ރޮޑްރިގޭޒް އޮޑިއަށް ސޮއި ކުރާނެ ކަމަށް ބުނެފައެވެ. އޭރު ވެސް އޭނާ ވަނީ ރޮޑްރިގޭޒް ބަލަން ޖެހޭ ބައެއް ކަންކަން ހުރިކަމަށް ބުނެފައެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގު ފަށަން ތައްޔާރުވެފައިވާއިރު، އޮޑި ސްޕޯޓްސް ކްލަބާ ބިދޭސީ ދެ ކުޅުންތެރިން މިހާރު ވަނީ ގުޅިފައެވެ. އޭގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި ބްރެޒިލް ކުޅުންތެރިއެއް އޮޑިއާ ގުޅޭނެ ކަމަށް މައުލޫމާތު ލިބެއެވެ.