އަތޮޅުތައް

ނ.އަތޮޅުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް


ނ.އަތޮޅުގެ ރަށްރަށުގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒާއި ނ.އަތޮޅު ކައުންސިލް ގުޅިގެން ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.އިސްލާމިކް މިނިސްޓްރީން ދެ ޝެއިޚުން ހަމަޖައްސަވާ ދެއްވައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އަތޮޅުގެ ރަށްރަށުގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުވާ، ދީނީ ގޮތުން އެކިކަންކަން އޮންނަ ގޮތް ރައްޔިތުންނަށް ސާފުކޮށްދިނުން ކަމުގައި މި ޕްރޮގްރާމް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ނ.އަތޮޅު ކައުންސިލް މެމްބަރު އަބްދުﷲ ޝަހީދު ޕީއެސްއެމަށް  މައުލޫމާތު ދެއްވިއެވެ.ޝަހީދު ވިދާޅުވީ މިދަތުރުތަކުގައި ކޮންމެ ރަށެއްގައިވެސް ނަމާދު ވަގުތުތަކުގެ ފަހުން މިސްކިތްތަކުގައި ޝެއިޚުންގެ ދަރުސް ކުރިއަށް ގެންދާ ކަމަށާއި އަދި ދަރުސަށްފަހު ސުވާލާއި ޖަވާބުގެ ސެޝަންތައްވެސް ބާއްވަމުން ގެންދާ ކަމަށެވެ.މި ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް އެއަތޮޅު ފޮއްދޫ އާއި، ވެލިދޫއާއި ، ހޮޅުދޫ އާއި މަގޫދޫގައި ދަރުސް ދީފައިވާ ކަމަށާއި މިއަންނަ އާދީއްތަ ދުވަހު މި ދަތުރުތައް ނިންމާލާއިރު އަތޮޅުގެމީހުން ދިރިއުޅޭ 13 ރަށުގައި ދަރުސް ދީ ނިންމާލެވޭނެ ކަމަށް ނ.އަތޮޅު ކައުންސިލުން މައުލޫމާތުދެއެވެ.މި ޕްރޮގްރާމްގެ ދަށުން ކުރާ ހުރިހާ ދަތުރުތަކެއް ހަމަޖައްސަވާ ދެއްވާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުންނެވެ.