އަތޮޅުތައް

ގއ.ވިލިނގިލީގައި ކުނި މެނޭޖް ކުރުމުގެ ހާއްސަ ޕްލޭނެއް


ގއ.ވިލިނގިލީގައި ޤާއިމްކޮށްފައިހުރި ކުނިކޮށި އިތުރަށް ތަރައްޤީ ކުރުމަށްޓަކާ، ޖަމިއްޔާތަކާ ވާހަކަ ދެކެވެމުންދާކަމަށާއި، ކައިރި މުސްތަގުބަލެއްގައި ރިސޯސް ރިކަވަރީ ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ވިލިނގިލީގައި ޤާއިމްވެގެންދާނެ ކަމަށް ވިލިނގިލީ ކައުންސިލުން ހާމަކޮށްފިއެވެ.ޕީއެސްއެމް އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ވިލިނގިލި ކައުންސިލްގެ ރައީސް ނިޔާޒު ނިޒާރު ވިދާޅުވީ ކުނިކޮށި ޤާއިމްކޮށްފައި ހުރި ތަނުގެ ފަސްގަނޑު ތިރިވުމުގެ ސަބަބުން އެތަނަށް ލޮނުވަންނަމުންދާކަމަށާއި، މި މައްސަލަ ހައްލުކުރުމަށް މިހާރު މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އަދި ކުނިކޮށި ތަރައްޤީކުރުމަށްޓަކައި އެތަނުގައި ދަނގަޑާއި ޕްލާސްޓިކް ވަކި ކޮށް ބަހައްޓާނެ ތަން ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށައިގަނެވޭނެކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ. އަދި މިހާރުވެސް ކުނިކޮށްޓަށް ޖަމާކުރެވޭ ދަނގަޑާއި ޕްލާސްޓިކް ވަކިކުރަމުންދާކަމަށް ކައުންސިލްގެ ރައީސް ނިޔާޒް ނިޒާރު ވިދާޅުވިއެވެ.ވިލިގިލި ކައުންސިލްގެ ރައީސް ވިދާޅުވީ ކުނިކޮށި ތަރައްޤީކުރުމުގެ ގޮތުން ޔޫއެންޑީޕީ ފަދަ ޖަމިއްޔާތަކާ ވާހަކަދެކެވިފައިވާކަމަށެވެ. އަދި ކުނިކޮށްޓަށް މިހާރު ކުނި އުކަމުންދަނީ ކައުންސިލުން އިސްނަގައިގެން ފީއެއް ދައްކާގޮތަށްކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ. އެގޮތުން ކޮންމެ ދުވަހަކު އެއްފަހަރު ގެތަކުގައި ހުންނަ ކުނި ކައުންސިލުން އުކަމުންދާކަމަށް ނިޔާޒު ވިދާޅުވިއެވެ.މީގެ އިތުރުން ކުނިކޮށްޓަށް ޖަމާވާ ކުނި އެންދުމަށްޓަކައި ބޭނުންވާ މެޝިން ހޯދުމަށް އެންވަޔަރމަންޓް މިނިސްޓްރީން ގެޒެޓްކޮށްފައިވާކަމަށްވެސް ވިލިނގިލި ކައުންސިލުން ވިދާޅުވެއެވެ.