އަތޮޅުތައް

އޭދަފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިއަހަރު ފަށަނީ


މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށޭނެކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން "އެމްއާރުޑީސީ"ން ބުނީ އޭދަފުށީގެ މަގު ހެދުމުގެ މަސައްކަތް ފެށުމުގެކުރިން އިދާރީގޮތުންނާ، ޓެކްނިކަލް ގޮތުން ކުރަންޖެހޭ ކަންކަން މިދިޔަ ހަފްތާތެރޭގައި އޭދަފުށީ ކައުންސިލާ ގުޅިގެން ފަށާފައިވާކަމުގައެވެ.އެކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ނަޒީމް ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ އޭދަފުށީގެ މަގުތަކުގެ އީއައިއޭ ރިޕޯޓް ނިންމުމުގެ މަސައްކަތް ކުރިޔަށްދާއިރު، އެރަށުގައި އެމްއާރުޑީސީގެ ސައިޓް ގާއިމްކުރުމަށް ބިމެއް ހޯދުމަށްވެސް އޭދަފުށީ ކައުންސިލާ މަޝްވަރާ ކުރަމުންދާކަމުގައެވެ.ނަޒީމް ވިދާޅުވީ ތާރުއެޅުމުގެ މަސައްކަތް ފެށުމުގެ ކުރިން އޭދަފުށީގެ މަގުތަކުގައި ވަޅުލާފައިވާ ކޭބަލްތަކާ، ނަރުދަމާގެ ހޮޅިތައް މެނޭޖްކުރާނެގޮތަކާމެދުވެސް ވަރަށް އަވަހަށް އޭދަފުށީ ކައުންސިލާ، ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރާނެކަމަށެވެ.އޭދަފުށީގެ ފަނަރަމަގެއްގައި ތާރުއަޅައި ފެންހިންދުމުގެ ނިޒާމް ގާއިމްކުރުމަށާ، ސްޕީޑްބްރޭކަރު ހަރުކޮށް، ޓްރެފިކް ނިޝާންތައް ހަރުކުރުމަށް ތެއްތިރީސް މިލިޔަން ރުފިޔާގެ އަގަކަށް ރޯޑް ކޯޕަރޭޝަނާއި ސަރުކާރުން ހަވާލުކުރީ މިދިޔަ ހަފްތާގެތެރޭގައެވެ. މިމަޝްރޫއުގެ ދަށުން އޭދަފުށިގެ މަގުތަކުގެ ޖުމްލަ ތިން ކިލޯމީޓަރަށްވުރެ ދިގު ސަރަހައްދެއްގައި ތާރުއެޅުމަށް ހަމަޖެހިފައިވެއެވެ.މިމަސައްކަތް އެމްއާރުޑީސީއާ ހަވާލުކޮށްފައިވަނީ ތިންސަތޭކަ އަށްޑިހަ ދުވަހުގެތެރޭގައި ނިންމާގޮތަށެވެ.ނަޒީމް ވިދާޅުވީ ކަނޑައެޅިފައިވާގޮތަށް މަސައްކަތް ކުރިޔަށްދާނަމަ އަންނަ އަހަރުގެ މެދުތެރޭގައި މަސައްކަތް މުޅިން ނިންމާލުމަށް އަމާޒުކުރެވިފައިވާކަމުގައެވެ.