ޚަބަރު

ކުރީގެ ފޮރިން މިނިސްޓަރ 2018ވަނަ އަހަރު ކުރި ދަތުރުތަކަށް 27 މިލިޔަން!


ކުރީ ސަރުކާރުގައި 2018ވަނަ އަހަރު ފޮރިން މިނިސްޓްރީން ކޮށްފައިވާ ދަތުރުތަކަށް 27 މިލިޔަން ރުފިޔާ ޚަރަދު ކޮށްފައިވާކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމްކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ މިސަރުކާރުކާރުގެ ތަފާތަކީ ހާމަކަންބޮޑުކޮށް ރައްޔިތުންނަށް ކަންކަން ފެންނަގޮތަކަށް ކުރުންކަމަށެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުން ކަންކަން ކުރަމުން ގޮސްފައިވަނީ އެއްވެސް ވަރަކަށް ކަމެއް ހާމަނުކޮށް ސިއްރު ކޮށްގެންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް އެހީ ހޯދުމުގެ ނަމުގައި ނިމިދިޔަ އަހަރު އެކަނިވެސް ދައުލަތުގެ ބަޖެޓުން 27 މިލިޔަން ރުފިޔާ ޚަރަދުކޮށް ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރުކޮށްފައިވާކަމަށާއި، ނަމަވެސް މި ދަތުރުތަކުން ޤައުމަށްވީ ފައިދާއެއް ނެތްކަމަށެވެ. އަދުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ބައިނަލްއަޤުވާމީ ގޮތުން ރާއްޖެއަށް ލިބެންޖެހޭ ޤަދަރާއި އިޙްތިރާމް ހޯދައި، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީތެރިކަން ހޯދުންކަމަށާއި، މިހާތަނަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުތަކުން އެކަން ވަރަށް ސާފުކޮށް ފެންނަން ހުންނާނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ވަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ރަގަޅު ކުރުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަން ހާމާކުރައްވާފައެވެ. އެގޮތުން ރާއްޖެއާއި ޚާރިޖީ ގުޅުން ހީނަރުވެފައިވާ ޤައުމުތަކާއި ގުޅުން ބަދަހި ކުރުމާއި، އިސްލާމީ ޤައުމުތަކާއި ރާއްޖެއާއި އޮންނަ ގުޅުން ބަދަހި ކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.