ގްރީން ސްޓްރީޓުން ކްލަބްގެ ލިޔެކިޔުންތައް ޑިޖިޓަލް ކޮށްފިއެވެ.
ކްލަބް ގްރީން ސްޓްރީޓްސްގެ ތަފާސް ހިސާބުތަކާއި ކުޅުންތެރިން މެނޭޖް ކުރުމަށް ތައާރަފްކުރި މި ޑިޖިޓަލް ނެޓްވޯކްގެ އެހީގައި ކުޅުންތެރިންނަށް ކްލަބްގެ މައުލޫމާތާއި ކުރިއަށްހުރި އިވެންޓްތަކާއި މެޗްތައް އަދި ބައްދަލުވުންތަކުގެ މައުލޫމާތު ޑިޖިޓަލްކޮށް ކުޅުންތެރިންނަށް ފޯރުކޮށްދެވޭނެއެވެ. އަދި ކްލަބްގެ ޚަރަދުތަކާއި އާމްދަނީގެ މައުލޫމާތުވެސް މި ނެޓްވޯކް މެދުވެރިކޮށް ހިއްސާކޮށްފައިވެއެވެ.
ކުޅުންތެރިންގެ ޕްރެކްޓިސް ހާޒިރީއާއި މުސާރައާއި ކްލަބާ ކުޅުންތެރިންނާމެދު ކުރެވޭ މުއާމަލާތްތައް މިހާރު ކުރިއަށްގެންދަނީ މި ނެޓްވޯކްގައި ކޮންމެ ކުޅުންތެރިއަކަށް ހާއްސަކޮށްފައިވާ އެކައުންޓް މެދުވެރިކޮށްކަމަށްވެސް ކްލަބުން މައުލޫމާތުދެއެވެ.
ކްލަބްގެ ޖެނެރަލް ސެކެޓްރީ އިބްރާހިމް އަބްދުﷲ ބުނީ މި ނެޓްވޯކްގެ މައިގަނޑު މަގުސަދަކީ ކުޅުންތެރިންގެ މައުލޫމާތާއި ޕާފޯމަންސް ފަސޭހައިން ބެލެހެއްޓުންކަމަށެވެ. އަދި "ސްމާޓް ކްލަބަކަށް" ގްރީންސްޓްރީޓްސް ހަދާ، ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޒަމާނުގައި ސްމާޓްފޯނު މެދުވެރިކޮށް ފަސޭހަކަމާއެކު ކުޅުންތެރިންނާ މެނޭޖްމަންޓާދެމެދު މައުލޫމާތު ބަދަލުކުރުން ކަމަށެވެ.
އިބްރާހިމް ބުނީ ކުޅުންތެރިންނަށް އެޕްލިކޭޝަނެއްގެ އެހީގައި އެ ކުޅުންތެރިއަކަށް ހާއްސަ ޕްރޮފައިލް މެދުވެރިކޮށް ކޮންމެ މެޗަކަށް ފަހު އެ މެޗެއްގެ ޕާފޯމަންސް ބަލާލެވޭނެކަމަށެވެ. އަދި ކޮންމެ ސީޒަންއަކަށްފަހު ވަކިވަކި ކުޅުންތެރިން ކުރިއަރާފައިވާވަރުވެސް މި އެޕްލިކޭޝަން މެދުވެރިކޮށް އެނގޭނެކަމަށެވެ.
މިއީ ރާއްޖޭގެ ކްލަބަކުން ކުޅުންތެރިންނާ މުއާމަލާތްކުރުމަށް މިފަދަ ޑިޖިޓަލް ނެޓްވޯކެއް ބޭނުންކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
މި ނެޓްވޯކް ވުޖޫދަށް ގެނައުމަށް ގްރީނުން ވަރަށް ބޮޑު ހަރަދެއްކޮށްފައިވާއިރު ނެޓްވޯކް އެހެން ކްލަބްތަކަށް ވިއްކުމަށް އެކްލަބުން ވަނީ ނިންމާފައެވެ. އަދި ޓީސީ ސްޕޯޓްސް ކުލަބަށް މި ނެޓްވޯކް ހަދިޔާ ކުރަންވެސް ކްލަބުން ވަނީ ނިންމާފައެވެ.