ޤައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އާއިއެކު ފުރަތަމަ ޑިވިޝަންގެ ދެ ކްލަބަކުން މަޝްވަރާކުރަމުން އަންނަކަމަށް އޭނާ ބުނެފިއެވެ. 
ނިއުރޭޑިއަންޓްގެ ސީނިއަރ ބައެއް ކުޅުންތެރިންނަށް މުސާރަ ނުދީ އޮތުމުގެ ސަބަބުން އެފްއޭއެމުން ވަނީ ފުޓްބޯޅާއިގެ ހުރިހާ ހަރަކާތަކުން ނިއު ސަސްޕެންޑްކޮށްފައެވެ. އެއާއެކު ނިއުގައި ތިބި ގިނަ ކުޅުންތެރިންވަނީ މިސީޒަނަށް އެހެން ކްލަބްތަކާއި ގުޅިފައެވެ. 
ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތު ދެމުން އަލީ ފާސިރު ބުނީ، ދެ ކްލަބަކާއެކު މަޝްވަރާތައް މިހާރު ކުރިޔަށްދާކަމަށާއި، އަންނަ ހަފްތާގައި ކުޅޭނެ ކްލަބެއް ނިންމާނެކަމަށެވެ. އަދި މަޝްވަރާކުރަމުން އަންނަ ކްލަބްތަކަކީ އޭނާ ކުރިން ކުޅެފައިވާ ދެ ކްލަބް ކަމަށްވެސް ސެންޓޭ ބުންޏެވެ. 
ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ދެ ފަހަރެއްގެ މަތިން ހޯދާފައިވާ ސެންޓޭ އަކީ ގޯލާއި ރައްޓެހި ކުޅުންތެރިއެކެވެ.  މިއަހަރުގެ ފުޓްބޯޅަ ސީޒަން ފެށެން ކުޑަދުވަސްކޮޅަކަށް ވެފައި ވާއިރު ނިއުގެ ގޯލް ކީޕަރ މުހައްމަދު ފައިސަލް އަދި އިމްރާން މުހައްމަދު ވެސްހުރީ ކުޅޭނެ ކްލަބެއް ނެތި ހުސްކޮށެވެ. 
މިއަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވާ މެޗު އަންނަ މަހުގެ ހަތްވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު މި މެޗުގައި ބައްދަލުކުރާނީ މިނިވަން ޗެންޕިއަންޝިޕްގެ ރަނަރަޕް ށ.ފޯކާއިދޫ އާއި ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބެވެ. 
އެހެން އަހަރުތަކާއި ޙިލާފަށް މިއަހަރުގެ ސީޒަން ހުޅުވާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ދެ ލެގަށެވެ. އެގޮތުން މި މެޗު ފުރަތަމަ ލެގު ފޯކާއިދޫގައި ކުޅުމަށްފަހު ދެވަނަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދިހަވަނަ ދުވަހު މާލޭގައެވެ.