ކުޅިވަރު

މެލޭޝިޔާގައި އޮންނަ ޓީ-20 މުބާރާތަށް ކްރިކެޓް ޓީމުގެ ފަރިތަކުރުންތައް ފަށައިފި


މެލޭޝިއާގައި އޮންނަ "ޓީ ޓްވެންޓީ ކުއަޑްރަންގިއުލާ ކްރިކެޓް ސީރީސް"ގައި ވާދަކުރުމަށް ރާއްޖޭގެ ސީނިއާ ގައުމީ ކްރިކެޓް ޓީމްގެ ފަރިތަކުރުންތައް ފަށައިފިއެވެ.

އެކުވެނި އިންޑޯ ކްރިކެޓް ޓްރެއިނިންގ ކޯޓުގައި ކުރިއަށްދާ ފަރިތަކުރުންތައް ފެށުމުގެ ގޮތުން، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އިސްވެރިން ބައިވެރިވި ޚާއްސަ ސެޝަނެއް ކުރިއަށްދިޔައެވެ. މިސެޝަންގައި ކާމިޔާބީއަށް ވާސިލުވާން މަސައްކަތްކުރާއިރު ޓީމުގައި އަށަގަންނަން ޖެހޭ ކަންތައްތަކާއި މިމުބާރާތަށް ރާއްޖެއިން ކަނޑައަޅާ ޓާގެޓް ޢިއުލާން ކުރިއެވެ. މީގެ އިތުރުން މުބާރާތައް ރާއްޖެއިން ނަގާ ފައިނަލް ސްކޮޑުގެ ސެލެކްޝަން ކްރައިޓީރިއާވެސް މި ސެޝަންގައި ޢިއުލާންކުރިއެވެ.

ޖުމަލް ހަތަރު ޓީމު ވާދަކުރާ، މުބާރާތުގައި ރާއްޖެއިން އަމާޒު ހިފާފައިވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށެވެ. މި ސެޝަންގައި، ސީނިއާ ގައުމީ ޓިމުގެ ހެޑްކޯޗް އާސިފް ޚާން ދެއްކި ވާހަކައިގައި މުބާރާތް ކާމިޔާބުކުރަން އަމާޒު ހިފާއިރު، ރާއްޖޭގެ ޓީމުން ވިސްނަންވީ ކަންތައްތަކާއި، މުބާރާތައް ތައްޔާރުވާން ކުރިއަށްގެންދާ ފަރިތަކުރުންތަކުގައި އިސްކަންދޭންވީ ކަންތައްތަކަށް ފާހަގަކުރިއެވެ.

މުބާރާތުގައި ވާދަކުރުމަށް އަންނަ ޖޫން މަހުގެ ވިހިވަނަ ދުވަހު ގައުމީ ޓީމް މެލޭޝިއާއަށް ފުރުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ ސްކޮޑުގައި ހިމެނޭނީ 14 ކުޅުންތެރިންނެވެ.

މިމުބާރާތަކީ މިއަހަރު ސީނިއާ ގައުމީ ޓިމް ވާދަކުރާ ފުރަތަމަ އިންޓަނޭޝަނަލް މުބާރާތެވެ.