ޚަބަރު

ބޮމުގެ ހަމަލަތަކާ ގުޅިގެން ސްރީލަންކާއަށް ގުޅޭނެ ޚާއްޞަ އަގެއް ދިރާގާއި އުރީދޫން ހަމަޖައްސައިފި


ސްރީލަންކާގައި ދިން ބޮމުގެ ހަމަލަތަކާ ގުޅިގެން ދިވެހިންނަށް އެޤައުމަށް ގުޅޭނެ ޚާއްޞަ އަގުތަކެއް ދިވެހިރާއްޖޭގައި މުއާސަލާތުގެ ޚިދުމަތްދެމުން އަންނަ ދިރާގާއި އުރީދޫއިން ހަމަޖައްސައިފިއެވެ.

ދިރާގާއި އުރީދޫން ސްރީލަންކާއަށް ގުޅުމަށް ޚާއްސަ އަގުތަކެއް ކަނޑައަޅާފައިމިވަނީ، އެ ޤައުމަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ޤައުމަކަށްވުމުން ދިވެހިންނަށް އެ ޤައުމުގައި ތިބި ދިވެހި އާއިލަތަކަށް ފަސޭހައިން ގުޅޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ކަމަށް އެ ދެ ކުންފުނިންވެސް ބުނެއެވެ.

ދިރާގާއި އުރީދޫން ވަނީ މިވަގުތު ސްރީލަންކާއަށް ކުރާ ކޯލްތަކަށް މިނެޓަކަށް 1 ރުފިޔާ ޗާޖުކުރުމަށް ނިންމާފައެވެ. އަގުހެޔޮކުރި ރޭޓުގައި މިރޭ ދަންވަރު ބާރަޖެހުމާއި ހަމަޔަށް ކޯލް ކުރެވޭނޭކަމަށް އެ ދެ ކުންފުނިން ބުނެއެވެ.

އަވައްޓެރި ސްރީލަންކާއަކީ ވަރަށްގިނަ އަދަދަކަށް ދިވެހިން އުޅެމުންދާ ޤައުމެކެވެ. މިގޮތުން ތައުލީމު ހޯދުމަށް ގިނަ އަދަދެއްގެ އާއިލާތަކުން ސްރީލަންކާގައި އުޅެމުންދާއިރު، ކޮންމެ ދުވަހަކު ބޭސްފަރުވާ އަށާއި، ވިޔަފާރީގެ އެކިއެކި ބޭނުންތަކަށް ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ދިވެހިން ލަންކާއަށް ޒިޔާރަތްކުރެއެވެ.

ސްރީލަންކާގައި މިއަދު ބޮމުގެ ހަމަލާތައް ދީފައިވަނީ، ދިވެހިން އެންމެ ގިނައިން ގޮސް އުޅޭ ދެހިވަލާގައި ހުންނަ ހޮޓަލެއްގައާއި ކޮލަމްބޯގައި ހުންނަ ޝަންގްރިލާ ހޮޓަލާއި ސިނަމަން ގްރޭންޑް ހޮޓަލާއި، ކިންގްސްބަރީ ހޮޓަލުގެ އިތުރުން ޗަރޗުތަކެއްގައެވެ.

މީގެތެރެއިން ކިންގްސްބަރީ ހޮޓަލާއި، ޝަންގްރިލާ ހޮޓަލާއި ސިނަމަން ގްރޭންޑް ހޮޓެލަކީ ދިވެހިން އާއްމުކޮށް ގޮސްތިބޭ ދެ ހޮޓަލެވެ. ބޮމުގެ ހަމަލާތައް ދިން ވަގުތު މީގެތެރެއިން ބައެއް ތަންތަނުގައި ދިވެހިން ތިބިކަމަށް މީޑިއާގެ ރިޕޯޓުތައް ބުނެއެވެ.