މިދިޔަ އަހަރު ރާއްޖެއިން ބޭރުކުރި މަހުގެ އަދަދު %92 އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ރިޕޯޓުން ދައްކައިފިއެވެ. މިދިޔަ އަހަރު ކުންފުނިތަކުން މަސް ގަތް މިންވަރުވެސް ވަނީ އިތުރުވެފައެވެ.
ހުސްވި 2025 ވަނަ އަހަރު ރާއްޖެއިން ބޭރުކޮށްފައިވަނީ 36,538 މެޓްރިކް ޓަނުގެ މަހެވެ. މިއީ 2024ވަނަ އަހަރާއި އަޅާބަލާއިރު %92 އިތުރު އަދަދެކެވެ.
ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު އިތުރުވެފައިވަނީ މައިގަނޑު ގޮތެއްގައި ގަނޑުކުރި ކަނޑުމަސް ބޭރުކުރި މިންވަރު އިތުރުވުމާއި ގުޅިގެންނެވެ. ގަނޑުކުރި ކަނޑުމަސް ބޭރުކުރި މިންވަރު ވަނީ %158 ނުވަތަ 35,181.5 މެޓްރިކް ޓަނަށް އިތުރުވެފައެވެ. މީގެ އިތުރުން، ގަނޑުކުރި ރީނދޫ އުރަހަ ކަންނެލި ބޭރުކުރި މިންވަރު ވަނީ %7 އިތުރުވެފައެވެ. އެއީ 553.7 މެޓްރިކް ޓަނުގެ މަހެވެ.
ދަޅުގައި ނުވަތަ ޕައުޗްގައި ބަންދުކޮށްގެން މަސް ބޭރުކުރި މިންވަރު ވަނީ %9 އިތުރުވެފައެވެ. އެއީ 510.8 މެޓްރިކް ޓަނުގެ މަސްކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. ހިއްކި މަސް ބޭރުކުރި މިންވަރު 2025 ވަނަ އަހަރު ވަނީ %32 އިތުރުވެފައެވެ. އެއީ 364.5 މެޓްރިކް ޓަނުގެ މަހެވެ.
މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މަސް ބޭރުކުރާ ކުންފުނިތަކުން މަސް ގަނެފައިވާ މިންވަރަށްވެސް 2025 ވަނަ އަހަރު ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން މަސް ގަތް މިންވަރު ވަނީ %66 އިތުރުވެފައެވެ. މަސް ގަތް މިންވަރު މިހާ ބޮޑަށް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކަނޑުމަސް ގަތް މިންވަރު %80 އިތުރުވެފައިވުންކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ. އެއީ 32000 މެޓްރިކް ޓަނެވެ.
ކަނޑުމަހުގެ އިތުރުން ރީނދޫ އުރަހަ ކަންނެލި ގަތް މިންވަރު ވެސް އެ އަހަރުގެ ތެރޭގައި ވަނީ %20 ނުވަތަ 2000 ޓަނަށްވުރެ އިތުރުވެފައެވެ.
ރާއްޖެއިން ބޭރު ކުރާ މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ މަހުގެ ބާވަތްތަކެވެ. ރާއްޖޭގެ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް ސިނާޢަތުން އިޤްތިޞާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިކަން ކުރުމަށް މަސް ޕްރޮސެސިން ކެޕޭސިޓީ އިތުރުކޮށް މަސް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ 3 އަހަރު ތެރޭގައި މަސް ޕްރޮސެސިން ކެޕޭސިޓީ 9 ގުނަ އިތުރު ކުރުން ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.