ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ އިޤްތިޞާދުގައި މުހިންމު ދައުރެއް އަދާކުރާ ވިޔަފާރިތަކެކެވެ. އެހެންކަމުން މިފަދަ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ސަރުކާރުން ދަނީ މަސައްކަތްކުރައްވަމުންނެވެ.
ވަކިން ޚާއްސަކޮށް އަންހެން ވިޔަފާރިވެރިންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތައް ގިނައެވެ.
މި ސަރުކާރުން އަންހެން ވިޔަފާރި ވެރިންނަށް ޚާއްސަކޮށްގެން "ފަށާ މަދަދު" ލޯނު ސްކީމްގެ ނަމުގައި ވަނީ ލޯނު ޕްރޮގްރާމެއް ތަޢާރަފްކޮށްފައެވެ. އަދި ކުދި ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް ޚާއްސަކޮށްގެން އުފައްދާފައިވާ އެސްއެމްއީ ޑިޖިޓަލްއިން ވަނީ މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައި އަންހެން ވިޔަފާރިވެރިންނަށް ޚާއްސަ ކޮށްގެން ފުރަތަމަ ފަހަރަށް ފައިނޭންސިންގ ސްކީމެއް ހުޅުވާލާފައެވެ.
އެސްއެމްއީ ޑިޖިޓަލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 17 ނޮވެންބަރު 2023 އިން 15 އެޕްރީލް 2026ގެ ނިޔަލަށް އަންހެން ވިޔަފާރިވެރިންނަށް 31 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލޯނުގެ ގޮތުގައި ދޫކޮށްފައެވެ. މިއީ 128 ވިޔަފާރިއަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދެވެ.
އެސްއެމްއީ ޑިޖިޓަލްއިން ބުނީ އަންހެން ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން ދޫކުރާ ފައިނޭންސިން 31 ފަރާތަކަށް ދޫކޮށްފައިވާކަމަށެވެ. އެއީ މުޅި ޖުމްލަ 6.2 މިލިޔަން ރުފިޔާއެވެ. ފަށާ މަދަދު ލޯނު ޕްރޮގްރާމްގެ ދަށުން އަންހެން ވިޔަފާރިވެރިންނަށް 25 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ 97 ކަނބަލަކަށް ދޫކޮށްފައިވާ ލޯނެވެ.
އެސްއެމްއީ ޑިޖިޓަލްއިން އަންހެން ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން ދޫކުރާ ލޯނު ސްކީމްގެ ދަށުން ވިޔަފާރި ފަށަން ބޭނުންވާ ކޮންމެ ދާއިރާއަކަށްވެސް ރަހުނަކާއި ނުލައި ފައިނޭންސް ފޯރުކޮށްދޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވެއެވެ. ލޯނު ދޫކުރަނީ، 25،000 ރުފިޔާއިން ފެށިގެން 250،000 ރުފިޔާއާ ހަމައަށެވެ.
ފަށާ މަދަދު ލޯނު ޕްރޮގްރާމްގެ ދަށުން އަހަރަކު %6 ގެ އިންޓްރެސްޓާއެކު އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ލޯނު ނެގޭނެއެވެ.