ވިލިމާލެގެ މަގުތަކުގައި ހަރުކޮށްފަ ހުރި މަގުބައްތިތަކުގެ ބޮކިތައް ލެޑް ބޮތްކާއި މާކިއުރީ ބޮތްކަށް ބަދަލުކުރަން ފަށައިފިއެވެ. 
މި މަޝްރޫއު ރަސްމީކޮށް މިއަދު އިފްތިތާހްކޮށްދެއްވީ ހައުސިން މިނިސްޓަރ އާމިނަތު އާޠިފާއެވެ. 
މިމަޝްރޫޢު އިފްތިތާޙުކުރިއިރުވެސް ވިލިމާލޭގެ އެކި ސަރަޙައްދުތަކުގެ ބައެއް މަގުތަކުގައި ހަރުކޮށްފަ ހުރި މަގުބައްތިތަކުގެ ބޮކިތަކަށް ވަނީ ބަދަލުކޮށްފައެވެ. ވިލިމާލެ ޕޮލިސްޓޭޝަން ހުންނަ މަގާއި އެދުރުހިޔާ ފުރަގަހުގައި އޮންނަ ހުސްބިމާއި ފެރީ ޓާރމިނަލް ފަހަތުގައި އޮންނަ ހުސްބިމުގައިވެސް ވަނީ ލެޑް ބޮތްކާއި މާކިއުރީ ބޮތްކާއެކު މަގުބައްތި ހަރުކޮށްފައެވެ. 
މި މަޝްރޫޢު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހައުސިން މިނިސްޓަރު ވިދާޅުވީ މާލެއާއި ހުޅުމާލެއާއި ވިލިމާލެ އަލި ކުރުމުގެ ޕްރޮގްރާމް ކުރިއަށްގެންދިޔުމަށްޓަކައި މަގުތަކުގައި ހަރުކުރަން ބޭނުންވާ ލެޑް ބޮކިތައް ލިބި، މިމަޝްރޫއު ފެށުމުން ދޭހަވަނީ ސަރުކާރުން މިކަމަށް ދެއްވި އަހަމިއްޔަތުކަން ބޮޑުކަންކަމުގައެވެ. 
"މި މަޝްރޫއުގެ ހެޔޮނަތީޖާ މާލެ ސަރަޙައްދުގައި ދިރިއުޅެ ރައްޔިތުންނަށް ފެނިގެންދާނެ.  ވިލިމާލޭގައި ލެޑް ލައިޓްތައް ހަރުކުރުމަކީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އަލި ކުރުމުގެ ޕްރޮގްރާމްގެ އެޖެންޑާގައި އޮތްކަމެއް. މި މަސައްކަތް ފުރިހަމަކުރުމަށް ސަރުކާރު ފެށުނީއްސުރެ މަސައްކަތްކޮށްފައިވަނީ " މިނިސްޓަރ ވިދާޅުވިއެވެ. 
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުން އަބަދުވެސް އެދެމުންދަނީ ވިލިމަލޭގެ ތަރައްޤީކަމަށާ މިމަސައްކަތަކީ ވިލިމާލޭގެ ތަރައްޤީއަށްވެސް މުހިއްމު ފިޔަވަޅެއްކަމަށެވެ. 
"ވިލިމާލެ ފުލުހުން ފާހަގަކޯށްފައިވާ ތަންތަނުގައި ލައިޓްތައް ހަރުކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް މިދަނީ .ވިލިމާލޭގެ ތަރައްޤީއަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނަން."ސިފާ ވިދާޅުވިއެވެ. 
ލައިޓް ހަރުކުރުމުގެ މަޝްރޫޢުގެ ދަށުން ވިލިމާލޭގައި ގާތްގަނޑަކަށް 1500 ލައިޓް ހަރުކުރަންޖެހޭކަމަށް މާލެ ސިޓީ ކައުސިލުން މަޢުލޫމާތުދެއްވައެވެ. މިގޮތުން ލައިޓްތައް ފުރަތަމަ ހަރުކުރުމަށް ހަމަޖެހިފައިވަނީ ވިލިމާލޭގެ އަދިރި  ހިސާބުތަކާއި ހުސްބިންތަކާއި ސިނާޢި ސަރަޙައްދުގައެވެ. 
އަދި އެއަށްފަހު މިހާރު ހުރި ލައިޓްތައް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށްވެސް ސިޓީ ކައުސިލުން މަޢުލޫމާތުދެއްވައެވެ. ތިމާވެއްޓާ ރަށްޓެހި ބޮކިތަކަށް މަގުބައްތިތައް ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން ދާދިފަހުން މާލޭގައިވެސް ވަނީ މަގުބައްތިތައް ބަދަލުކުރަން ފަށާފައެވެ.