ކުޅިވަރު

94.97 މިލިއަން ރުފިޔާގެ ބަޖެޓެއް އެފްއޭއެމުން ފާސްކޮށްފި


94 މިލިއަން ރުފިޔާގެ ބަޖެޓެއް އެފްއޭއެމުން ފާސްކޮށްފިއެވެ.

އެފްއޭއެމްގެ އަހަރީ ބަޖެޓުގެ ގޮތުގައި 2019އަށް ފާސްކުރި މި ބަޖެޓަކީ 4 މިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ. ޖުމްލަ 14 ކްލަބަކުން ބައިވެރިވި ކޮންގްރެސްގައި ބަޖެޓް ފާސް ކޮށްފައި ވަނީ ވިކްޓްރީ ސްޕޯޓްސް ކްލަބް ފިޔަވައި އެހެން ހުރިހާ ކްލަބެއްގެ ތާއީދާއިއެކުއެވެ.
ބަޖެޓްގައި 2019 ވަނަ އަހަރު އެފްއޭއެމަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ކަނޑައަޅާފައިވަނީ 90 މިލިއަން ރުފިޔާއެވެ.

ހަރަދުގެ ގޮތުގައި ހޭދަވާނެކަމަށް ބެލެވެނީ ނުވަދިހަ ހަތަރު މިލިއަން ރުފިޔާއެވެ. ބަޖެޓަށް އެންމެ ބޮޑު އާމްދަނީ އެއް ލިބޭނެ ކަމަށް ކަނޑައަޅާފައިވަނީ ސްޕޮންސަރުންގެ މެދުވެރިކޮށެވެ. އެއީ 43 މިލިއަން ރުފިޔާއެވެ. މީގެ އިތުރުންވެސް 31 މިލިއަން ރުފިޔާ ފިފާއިން އެހީގެ ގޮތުގައި އެފްއޭއެމަށް ދޭނެއެވެ.
އޭއެފްސީން ދިހައެއް ޕޮއިންޓް އަށެއް މިލިއަން އަދި ކުޅިވަރާބެހޭ ވުޒާރާއިން އެކެއް ޕޮއިންޓް އަށެއް މިލިއަން ރުފިޔާ ލިބޭނެކަމަށްވަނީ ލަފާކޮށްފައެވެ.

2019އިގައި އެންމެ ބޮޑު ހަރަދެއް ކުރަން ހަމަޖެހިފައިވަނީ ޑެވެލޮޕްމެންޓްގެ އެކި އެކިކަންކަމަށެވެ. އެއީ ތިރީސް މިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު ހަރަދެއްގެ ގޮތުގައި ސާދަ ޕޮއިންޓް ނުވަ މިލިއަން އަންހެން ފުޓުބޯޅައަށް ހޭދަކުރުމަށް ހަމަޖެއްސިއިރު އެޑްމިނިސްޓްރޭޓިވް ހަރަދުގެ ގޮތުގައި ތޭރަ ޕޮއިންޓް އެކެއް މިލިއަން ރުފިޔާ ޚަރަދުވާނެކަމަށްވަނީ ލަފާކޮށްފައެވެ. މުބާރާތްތަކަށް ކަނޑައަޅާފައިވަނީ ނުވަ މިލިއަން ރުފިޔާއެވެ.

ކޮންގްރެސްގައި އެފްއޭއެމްގެ އެގްޒެކެޓިވް ބޯޑްގައި ހުސްވެފައިވާ މަގާމުތަކަށް މެމްބަރުން އައްޔަން ކޮށްފައިވެއެވެ. އެއީ މުފާވިޒް ހަސަން، ހުސެން ޝާފިއު އަދި މުހައްމަދު ހާނިމެވެ. އޭގެ އިތުރުން އެލެކްޓޯރަލް ކޮމިޓީ ފާސްކުރުމާއި، އެލެކްޓޯރަލް އެޕީލް ކޮމިޓީއެއްވެސް ވަނީ ފާސްކޮށްފައެވެ.
އަދި 2018ވަނަ އަހަރުގެ އެފްއޭއެމްގެ އަހަރީ ރިޕޯޓްވެސް މި ޖަލްސާގައިވަނީ ފާސްކޮށްފައެވެ.