ޚަބަރު

ބިދޭސީ މަސައްކަތްތެރިންގެ ވާރކް ވިޒާ ފީ ދައްކަން ޖެހޭނެ - އިމިގްރޭޝަން


ބިދޭސީ މަސައްކަތްތެރިންގެ ވާރކް ވިޒާ ފީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކަނޑައެޅާފައިވާ އުސޫލުން ދައްކަންޖެހޭނެކަމަށް މޯލްޑިވްސް އިމްގްރޭޝަނުން ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަނުން މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި މަސައްކަތް ކުރުމަށް ބިދޭސީންނަށް ދޭ ހުއްދަ ހަމަވުމުން އަލުން އެ ހުއްދަ އައު ކުރާއިރު 6،000 ރުފިޔާ ދައްކަން ނުޖެހޭ ގޮތަށް ވޯކް ވިސާ ޤަވާއިދު އިޞްލާޙުކޮށް ގެޒެޓު ކުރުމަށްފަހު އެ ޤަވާއިދު ގެޒެޓުން މިއަދު ހެނދު ނެގުމާއި ގުޅިގެން މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ. އެ ނޫސްބަޔާނުގައި އިމިގްރޭޝަނުން ވިދާޅުވެފައި ވަނީ އެ ބަދަލަކީ އެ އިދާރާއިން ކުރިން ގެނައުމަށް ނިންމާފައިވާ ބަދަލެއް ކަމަށެވެ.

ނަމަވެސް މިހާރު އެ އިދާރާއިން ކުރަމުންދިޔަ މަސައްކަތަކަށް ބައެއް ކަހަލަ ބަދަލުތައް މިހާރު އައިސްފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އެހެންކަމުން ބިދޭސީންނަށް ވަޒީފާގެ ހުއްދަ ދިނުން އިކޮނޮމިކް މިނިސްޓްރީ އަށް މިހާރު ބަދަލުކޮށްފައިވާތީ އެއީ މިހާރު އިމިގްރޭޝަންގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށްވެސް އިމިގްރޭޝަނުގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

އިމިގްރޭޝަނުން ކުރިން ދެމުން އައި ބިދޭސީންގެ ހުރިހާ ހިދުމަތްތަކެއްހެން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައި ވަނީ މިދިޔަ މަސް ތެރޭގައެވެ. ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މަސައްކަތަކީ އިމިގްރޭޝަނުން އަބަދުވެސް އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެވެ.