އީރާންއާއެކު ވިޔަފާރިކުރާ ކޮންމެ ޤައުމަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވުމާ ގުޅިގެން، އެ ފަދަ ފިޔަވަޅެއް އެޅުމަކީ ޤައުމުތަކުގެ އިސްތިޤުލާލަށް އަރައިގަތުން ކަމަށް އީރާނުން ބުނެފިއެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ޓްރަމްްޕް ވިދާޅުވީ، އީރާނާ ދެކޮޅަށް މިހާރު ފަށާފައިވާ އިޤުތިޞާދީ ފިޔަވަޅުތަކަކީ، ތާރީޚުގައި އެމެރިކާއިން އެހެން ޤައުމަކާ ދެކޮޅަށް އިޢުލާނު ކޮށްފައިވާ އެންމެ ބޮޑު އަދި ހަރުކަށި ފިޔަވަޅުތައް ކަމުގައެވެ. މިއީ، އެންމެ މަތީ ދަރަޖައިގެ ފިއްތުންތަކެއްގެ ގޮތުގައި ސިފަކުރައްވައި ޓްރަމްޕް ވިދާޅުވީ، އިޤުތިޞާދީ ފިޔަވަޅުތަކުގެ އައު ކެމްޕޭނުގެ މަޤުޞަދަކީ ހަނގުރާމައިގެ ތެރެއިން އީރާން އެކަހެރިކުރުން ކަމުގައެވެ. އަދި، އީރާނަށް ބޭރުގެ އެހީތެރިކަން ހޯދޭނެ ހުރިހާ މަގުތަކެއް ބަންދުކުރައްވާނެ ކަމަށާއި، މާލީ އިދާރާތަކާއި، ވިޔަފާރިތަކާއި، ވައިގެ ބަނދަރުތައް ނުވަތަ ސަރުކާރުގެ މުއައްސަސާތައް މެދުވެރިކޮށް އީރާނަށް އިޤުތިޞާދީ "ދިރުމެއް" ފޯރުކޮށްދޭ ޤައުމުތަކާ ދެކޮޅަށް ވެސް އިޤުތިޞާދީ ފިޔަވަޅުތައް އަޅުއްވާނެ ކަމުގައި އޭނާ އިންޒާރު ކުރެއްވިއެވެ. އަދި، އީރާނާ ދެކޮޅަށް ފިޔަވަޅުތައް ހަރުކަށި ކުރުމުގައި އެމެރިކާއާ ބައިވެރިވުމަށް ޓްރަމްޕް ވަނީ އެމެރިކާގެ އެކުވެރިންނަށް ގޮވައިލައްވާފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އީރާންގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު، އިސްމާޢިލް ބަޤާއީ ވިދާޅުވީ އެމެރިކާގެ އިޢުލާނަކިީ އދގެ މެންބަރު ޤައުމުތަކާ ދެކޮޅަށް އެމެރިކާގެ އިހްތިޞާސުން ބޭރުން ބާރު ފޯރުވުމަށް މަސައްކަތްކުރުމަށް ކޮށްފައިވާ އިޢުލާނެއް ކަމަށެވެ. އީރާންއާއެކު ވިޔަފާރި ނުކުރުމަށް ބޭރުގެ ބޭންކުތަކާއި ކުންފުނިތަކާއި ވައިގެ ބަނދަތުތަކަށް އެއްވެސް ދައުލަތަށް މަޖުބޫރު ނުކުރުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބަޤާއީ އިތުރަށް ވިދާޅުވީ އެމެރިކާގެ އަމަލުތަކުގެ އާޚިރު ނަތީޖާއަކަށް ވާނީ ޤައުމުތަކުން އެ ބައެއްގެ އަމިއްލަ ޤައުމު ހިންގުމަށް ލިބިފައިވާ ހައްޤު ގެއްލުން ކަމަށާއި، އޭގެ ސަބަބުން ބަލިކަށި ޤައުމުތަކުގެ ކަންކަމަށް ބާރު ފޯރުވުމަށް ނުފޫޒުގަދަ ޤައުމުތަކަށް ފުރުޞަތު ލިބުން ކަމަށެވެ.
އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެނެޓް ވެސް ވިދާޅުވީ އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާ އައު ފިޔަވަޅުތައް ވެގެންދާނީ އީރާން “ފުނޑުފުނޑު”ކޮށްލައި ފަދަ ފިޔަވަޅުތަކެއް ކަމުގައެވެ. އެހެން ޤައުމުތަކުން ނިންމަންޖެހޭ ނިންމުމަކީ އެ ޤައުމުތައް އޮންނާނީ އެމެރިކާއާ އެކުގައިތޯ ނުވަތަ ދެކޮޅަށްތޯ ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނުން ބުަނަމުން ދަނީ އެ ޤައުމަކީ އެމެރިކާގެ ފިއްތުންތަކާއި ފިޔަަވަޅުތަކާ އެތައް ޒަމާނެއް ވަންދެން ކުރިމަތިލަމުންދާ ޤައުމެއް ކަމަށެވެ. އެ ޤައުމުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ވެސް ވިދާޅުވީ އެމެރިކާއިން އިޢުލާނުކޮށްފައިވާ އައު ފިޔަވަޅުތައް ފޭލްވާނެ ކަމަށެވެ. 2012ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ބަރަކް އޮބާމާ އީރާނާ ދެކޮޅަށް އިޢުލާނުކުރެއްވި ފިޔަވަޅުތަކަށް ހަވާލާ ދެއްވައި އަރާޤްޗީ ވިދާޅުވީ މިއީ ކުރިން ވެސް ފެނިފައިވާ މަންޒަރުތަކެއް ކަމަށެވެ. އުކުޅަށް ބަދަލެއް ނާންނަ ކަމަށާއި ބަދަލުވެފައި ވަނީ ހަމައެކަނި ގެއްލުންދޭން މަސައްކަތްކުރާ މޫނުތައް ކަމަށް އޭނާ ވިދާޅުވިއެވެ.