ޚަބަރު

ދުނިޔޭގެ "ފޮރެސްޓް" ދުވަސް، އައްޑޫ ނޭޗަރ ޕާކުގައި ފާހަގަކޮށްފި


ބައިނަލްއަޤްވާމީ، ޖަންގަންލި ތަކާއި ބެހޭދުވަހާއި ދުނިޔޭގެ ގަސްއިންދުމާބެހޭ ދުވަސް އައްޑޫ ނޭޗަރ ޕާކުގައި ފާހަގަކޮށްފިއެވެ.

"ޓްރެޝަރ ހަންޓް" ޙަރަކާތަކާއެކު މިދެދުވަސް ފާހަގަ ކުރުމަަށް ކުރިއަށްގެންދިޔަ ޙަރަކާތާ ގުޅޭގޮތުން ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން އައްޑޫނޭޗަރ ޕާކުގެ އެސިސްޓެންޓް ޑިރެކްޓަރ އާމިނަތު އަފާއު ވިދާޅުވީ، މިހަރަކާތުގެ މަޤްސަދަކީ ޢާއިލާއާއި ރައްޓެހިން އެކުގައި މަޖާ ވަގުތުކޮޅެއް ހޭދަކޮށް "ފޮރެސްޓް" ނުވަތަ ޖަންގަަލިތަކާއި އެފަދަ ތަންތަނާބެހޭ މަޢުލޫމާތު ދިނުމާއި ޢާއްމުންގެ ހިތްތަކުގައި ތިމާވެއްޓަށް ލޯބިޖެއްސުވުމަށްކަމަށެވެ.

އައްޑޫ ނޭޗަރ ޕާކުގެ ފަރާތުން މަޢުލޫމާތު ދެއްވިގޮތުގައި ފޯރިގަދަ ޙަރަކާތެއްގެ ގޮތގައި ކުރިއަށް ގެންދިޔަ މިމިހަރަކާތުގައި 31 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. ޓީމް ތަކަށް ބެހިގެން ކުރިއަށްދިޔަ މިހަރަކާތުގައި ބައިވެރިންނަށް ވަނީ ސުވާލުތަކެއް ދީފައެވެ. އެސުވާލުތަކަށް ޖަވާބު ދިނުމުން ޕާކުގެ ކޮންމެވެސް އެހެން ސަރަހައްދަކަށް ގޮސް ހަވާލު ކުރެވޭ މަސައްކަތެއް ފުރިހަމަ ކުރަން ޖެހެއެވެ. މަސައްކަތްތަކުގެ ތެރޭގައި ޕާކުން އާންމުކޮށް ފެންނަ ބާވައްތަކުގެ ގަސްތަށް ލިސްޓުކުރުމާއި ރުށް އިންދުމާއި ކިނބިގަސް އިންދުން ފަދަ ކަންކަން ހިމެނެއެވެ.

މިޙަރަކާތުން އެއްވަނައަށް ގޮސްފައިވަނީ "އައި ލަވް އައްޑޫ" ޓީމެވެ. ދެވަނަ ދިވެހި ރެޑް ކްރެސެންޓުގެ ޓީމުން ހޯދި އިރު ތިންވަނަ ހޯދީ ޖޭސީއައި- އައްޑޫ ޓީމެވެ.

ބައިނަލްއަޤްވާމީ، ޖަންގަލި ތަކާބެހޭ ދުވަހާއި ދުނިޔޭގެ ގަސްއިންދުމާބެހޭ ދުވަހަކީ މާރިޗު 21ވަނަ ދުވަހެވެ. އައްޑޫ ނޭޗާރ ޕާކަކީ މިފަދަ، ތިމާވެއްޓާ ގުޅުންހުރި ގިނަ ދުވަސްތަށް ފާހަގަކުރާ ފަރާތެކެވެ.