ޚަބަރު

މޯލްޑިވިއަންގެ ފްލައިޓެއް އެމަރޖެންސީގައި ގަމަށް ޖައްސައިފި


މޯލްޑިވިއަން ފްލައިޓަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކުއްލި ޙާލަތުގައި ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސައިފިއެވެ.

ޤައުމީ އެއަރލައިންގެ ކިއު-2 މަރުކާގގެ މަތިންދާ ބޯޓް އެމަރޖެންސީގައި ޖެއްސި ނަމަވެސް، ބޯޓުގައި ދަތުރުކުރަމުންދިޔަ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މިއަދު މާލެއިން ކައްދޫ އަދި ކައްދޫއިން ގަމަށް ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓް ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ގިނަ އިރުތަކެއްވަންދެން ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަތީގައި އުދުހިފައިވެއެވެ. އަދި ބޯޓް ޖައްސާފައިވަނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ކުއްލި ހާލަތަށް ގެނައުމަށްފަހުއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ކޮމިޔުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ ފްލައިޓް އެމަރޖެންސީގައި ޖައްސާފައިވަނީ ލޭންޑިންގ ގިއަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންކަމަށެވެ.

ޤައުމީ އެއަރލައިން، މޯލްޑިވިއަނުން ބުނީ ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ލޭންޑް ކުރުމަށް ދަތިތަކަކާއި ކުރިމަތިވީ ނަމަވެސް އެމަރޖެންސީ ހާލަތުގައި ބޯޓު ކާމިޔާބު ކަމާއެކު ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވާ ކަމަށެވެ.