ޔަމަނުގެ ކަނޑުގެ ސަރަޙައްދުން ދަތުރުކުރަމުންދިޔަ ތެޔޮ ޓޭންކަރު ހިޞާރުކޮށްގެން، ސޮމާލިޔާއަށް ގެންގޮސްފައިވާކަމަށް މިޞްރުގެ ސަރުކާރުން ބުނެފިއެވެ.
މިޞްރުގެ އަށް ފަޅުވެރިންނާ އެކު އެމްޓީ ޔުރޭކާ ނަމަކަށް ކިޔާ އެ ތެޔޮ ޓޭންކަރު ޙިސާރުކޮށްފައިވަނީ ޔަމަނުގެ ކަނޑުގެ ސަރަޙައްދުން ދަތުރުކުރަމުން ދަނިކޮށެވެ.
ސޮމާލިޔާގެ ކަނޑު ފޭރޭ މީހުން ހިޞާރުކޮށްފައިވާ އެ ޓޭންކަރާއި އޭގައި ތިބި ފަޅުވެރިންގެ ޙާލަތު ވަރަށް ގާތުން ބަލަމުންދާކަމަށް މިޞްރުގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ.
އަދި އެ ތެޔޮ ޓޭންކަރު މިހާރު ސޮމާލިޔާގެ ކަނޑުގެ ސަރަޙައްދަށް ވަދެފައިވާތީ، ސޮމާލިޔާގައި ހުންނަ މިޞްރުގެ އެމްބަސީން އެ އުޅަނދާއި ފަޅުވެރިންގެ ޙާލަތު ގާތުން ބެލުމަށް އަންގާފައިވާ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.
ސޮމާލިޔާގެ ސަރުކާރާ ގުޅިގެން، އެ ޓޭންކަރުގައި ތިބި ފަޅުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް މިޞްރުގެ އެމްބަސީން ކުރާނެކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ސޮމާލިޔާގެ ކަނޑު ފޭރޭ މީހުން އެ ތެޔޮ ޓޭންކަރު ހިޞާރުކޮށްފައިވަނީ މިދިޔަ މެއި މަހުގެ 2ވަނަ ދުވަހު، ޔަމަނުގެ ހުޅަނގުދެކުނުން ދަތުރުކުރަމުންދަނިކޮށެވެ.
އެ ޓޭންކަރުގައި އިންޑިއާގެ ފަޅުވެރިއަކު ހުރިކަމަށް ވެސް ރިޕޯޓުތައް ބުނެފައިވެއެވެ.
އެ ޓޭންކަރު ހިޞާރުކުރި މީހުން ވަނީ ފަޅުވެރިން ދޫކޮށްލުމަށް ފައިސާ ދިނުމަށް އާއިލާތަކުގެ ކިބައިން އެދިފައި ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުންޏެވެ.
2017 ވަނަ އަހަރާ ޖެހެންދެން ސޮމާލިޔާގެ ކަނޑުފޭރޭ މީހުން ދިޔައީ, އެ ޤައުމުގެ އައްސޭރިފަށުން ދަތުރު ކުރަމުން ދިޔަ އުޅަނދުފަހަރަށް ނުރައްކާ ކުރަމުންނެވެ. އެ ގުރޫޕުތަކުން ގިނަ ޢަދަދެއްގެ އުޅަނދުފަހަރު ފޭރިގަނެފައިވާއިރު, ބޭރު ޤައުމުތަކުން ވަނީ މި ކަމާ ދެކޮޅަށް ޚާއްޞަ އަސްކަރީ އޮޕަރޭޝަނެއް ފަށައި, އެ ކަން ހުއްޓުވާފައެވެ.
ނަމަވެސް، 2023ވަނަ އަހަރުން ފެށިގެން ސޮމާލިޔާގެ ކަނޑުފޭރޭ މީހުންގެ ނުރައްކާ އަނެއްކާވެސް ވަނީ ބޮޑުވާން ފަށައިފައެވެ.