ޚަބަރު

"މުޖުތަމަޢުގެ މަސައްކަތްތައް ހާމަކޮށްދިނުމުގައި މީޑިއާގެ ދައުރު މުހިއްމު"


  • މީޑިއާގެ ޒިންމާއަކީ ހަމައެކަނި މަޢުލޫމާތު ފެތުރުން ނޫން ކަމަށް ވިދާޅުވި

  • ދެމެހެއްޓެނިވި ތަރައްޤީ ގުޅިފައި ވަނީ މުޖުތަމަޢުގެ ރޫހާއި ޒިންމާދާރުކަމަށް

އިޖުތިމާއީ އަދި ތިމާވެށީގެ ހެޔޮ ބަދަލުތައް ގެނައުމަށް މުޖުތަމައުތަކުން ކުރާ މަސައްކަތްތައް އިތުރަށް ހާމަކޮށްދިނުމުގައި މީޑިއާގެ ދައުރު މުހިންމުކަމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ޗެއަރޕަރސަން އާމިނަތު ނަމްޒާ ވިދާޅުވެއްޖެއެވެ.

ނަމްޒާ މިހެން ވިދާޅުވީ، އޭޝިއާ މީޑިއާ ސަމިޓް 2026 ގެ ދެވަނަ ޕްލެނަރީ ސެޝަންގައި ވާހަކަދައްކަވަމުންނެވެ.

މި ސެޝަންގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޗެއަރޕަރސަން އާމިނަތު ނަމްޒާ ވިދާޅުވީ، ދުނިޔެއަށް އަންނަ އެންމެ ބޮޑެތި ބަދަލުތަކަކީ އަބަދުވެސް ސަރުކާރުތަކުން ނުވަތަ ބޮޑެތި މުއައްސަސާތަކުން ފަށާ ކަންކަން ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ހޭލުންތެރިކަމާއި ޒިންމާދާރުކަމާއެކު މުޖުތަމައުގެ ތެރެއިން ފެށޭ ކުދިކުދި މަސައްކަތްތަކުން ބޮޑެތި ބަދަލުތައް އަންނަކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

"އެންމެ މާނަހުރި ބަދަލުތައް ހިމޭންކަމާއެކު ފެށިގެން އަންނަނީ މުޖުތަމައުގެ ތެރެއިން، އާންމު ފަރުދުން އެމީހުންގެ ވަށައިގެންވާ ދުނިޔެއަށް ޒިންމާދާރުވުމުން." ނަމްޒާ ވިދާޅުވިއެވެ.

މި ސެޝަންގެ ތެރެއިން ރާއްޖޭގެ ރަށްތަކުގައި ކުނި މެނޭޖުކުރުމާއި، ޕްލާސްޓިކަށް ބަރާސާވުން ކުޑަކުރުމާއި، ތިމާވެށީގެ ތަޢުލީމު ދިނުމަށް ކުރިއަށްގެންދާ "ސޮނެވާ ނަމޫނާ" އިނީޝިއޭޓިވްގެ ވީޑިއޯއެއް ވަނީ ހުށަހަޅާފައެވެ.

މިފަދަ މަސައްކަތްތަކުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަމްޒާ ވިދާޅުވީ، މީޑިއާގެ ޒިންމާއަކީ ހަމައެކަނި މައުލޫމާތު ފެތުރުން ނޫން ކަމަށާއި، މުޖުތަމައާއި ތިމާވެއްޓާމެދު މީހުން ހޭލުންތެރިކުރުވާ ފަދަ ޚިޔާލުތަކާއި އަމަލުތައް އިތުރަށް ހާމަކޮށްދިނުން ކަމަށެވެ.

ނަމްޒާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް ދިމާވާ ތިމާވެށީގެ ގޮންޖެހުންތަކުގެ ވާހަކަތައް އަަބަދުބެސް ދައްކަމުންދާ ކަމަށެވެ. އަދި ދިވެހިންގެ ދިރިއުޅުމުގެ ކޮންމެ ދުވަހަކު ތަހައްމަލުކުރަންޖެހޭ ހަގީގަތްތަކެއް ކަމަށްވުމުން، މިކަމުން ސަލާމަތްވުމަށް މުޖުތަމައުގެ ބައިވެރިވުން އިތުރަށް މުހިންމު ކަމަށެވެ.

މީގެ އިތުރުން، މީޑިއާއަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން މިފަދަ މަސައްކަތްތައް އިތުރަށް ދައްކައިދިނުމަކީ، އެ މަސައްކަތް ފެށުނު މުޖުތަމައުން ބޭރަށްވެސް އޭގެ އަސަރު ފޯރުވައި، އެހެން މީހުންނަށް ހިތްވަރު ލިބޭނެ ކަމެއްކަމަށްވެސް ނަމްޒާ ވިދާޅުވިއެވެ.

ނަމްޒާ ވިދާޅުވީ، ރާއްޖެއިން ދުނިޔެއަށް ދަސްކޮށްދޭ އެންމެ ބޮޑު ފިލާވަޅަކީ ދެމެހެއްޓެނިވި ތަރައްގީއާއި ކުރިއެރުން ގުޅިފައިވަނީ މުޖުތަމައުގެ ރޫހާއި އެންމެންގެ ޒިންމާދާރުކަމާ ކަމެވެ.

ނަމްޒާ ވިދާޅުވީ، މީޑިއާގެ ޒިންމާއަކީ މިފަދަ މަސައްކަތްތައް އަގުވަޒަންކޮށް، ގިނަ ބަޔަކަށް ފެންނާނެހެން ހާމަކޮށްދިނުން ކަމަށެވެ. އަދި މާނަހުރި ގޮތެއްގައި ވާހަކަތައް ކިޔައިދިނުމާއި ކަންކަން ހާމަކުރުމަކީ އޭގެ އަމިއްލަ ޒާތުގައި ހެޔޮ ބަދަލުތަކެއް ގެނައުމަށް މަގުފަހިކޮށްދޭ ބާރެއް ކަމަށްވެސް ޕަބްލިކް ސާވިސް މީޑިއާ ޕީއެސްއެމްގެ ޗެއާޕާސަން އާމިނަތު ނަމްޒާ ފާހަގަކުރެއްވިއެވެ.