ކުޅިވަރު

ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ފީފާއިން ދީފި!


އެފްއޭއެމްގެ މަސްލަހަތު ހިމެނޭ ކަންނަމުގައި ތިންވަނަ ފަރާތަކުން ނުފޫޒު ފޯރުވާނަމަ، ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ފީފާއިން ދީފިއެވެ.

ދުނިޔޭގެ ފުޓުބޯޅަ އާއި ބެހޭ މައި އިދާރާ (ފީފާ)އިން މިހެން ބުނެފައި މިވަނީ، ވިކްޓްރީ ސްޕޯޓްސް ކުލަބުން، އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި ދިނުމަށް އެދި އެއިދާރާގައި އެދުމުން، އެކަމުގެ ލަފާއަކަށް އެފްއޭއެމުން ފީފާގައި އެދިފައިވާތީ، އެކަމަށް ޖަވާބުދެމުންނެވެ.

ފީފާއިން ބުނެފައިވަނީ، އެފްއޭއެމްގެ އަހަރީ ޢާންމު ޖަލްސާއެއް ބާއްވަން އަންނަ މާރިޗު މަހުގައި ބާއްވަން ޢިއުލާން ކޮށްފައި ވާތީއާއި، އަހަރީ ޢާންމު ޖަލްސާގައި މެމްބަރު ކުލަބުތަކަށް ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ލިބޭތީ، އޭގެކުރިން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމުގެ މާނައެއް ނެތްކަމަށެވެ.

އަދި އެފްއޭއެމްގެ މަސްލަހަތު ހިމެނޭ ކަންކަމަށް ތިންވަނަ ފަރާތަކުން ނުފޫޒު ފޯރުވާކަން ފާހަގަ ވާކަމަށާއި، އެކަން ތަކުރާރުވާނަމަ ފީފާއިން ދިވެހި ރާއްޖެ ސަސްޕެންޑް ކުރާނެ ކަމަށް ފީފާގެ ބަޔާނުގައި ވަނީ ބުނެފައިވެއެވެ.

ފީފާއިން ބުނީ، އެއިދާރާގެ އެއްވެސް މެމްބަރު އެސޯސިއޭޝަނެއްގެ ނޯމަލައިޒޭޝަން ކޮމިޓީ އެކުލަވާލުމަކީ، ހަމައެކަނި އެއިދާރާށް ލިބިގެންވާ ބާރެއް ކަމަށެވެ.

މިކަމާގުޅިގެން އެފްއޭއެމުން ބުނެފައިވަނީ، ފީފާގެ ލަފާއާއި އެއްގޮތްވާގޮތުގެ މަތީން، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ނުބާއްވަން އެއިދާރާއިން ނިންމާފައިވާ ކަމަށާއި، އަދި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓްގެ ބައެއް ޢަމަލުތަށް ހުންނަގޮތުން، މިނިވަންކަމާއިއެކު، ފީފާގެ ގަވާއިދުތަކާއި އެއްގޮތަށް ޢަމަލުކުރަން ދަތިވާކަމަށެވެ. އެހެންކަމުން، އެގޮތަށް ޢަމަލުތަށް ނުބެހެއްޓުމަށްވެސް އެއިދާރާއިން ވަނީ، ޔޫތް މިނިސްޓްރީއަށް ނަސޭހަތްތެރިވެފައެވެ.

ނަވާރަ ކުލަބުގެ ސޮޔާއިއެކު ވިކްޓްރީ ސްޕޯޓްސް ކުލަބުން، އެފްއޭއެމްގެ ހިންގާ ކޮމިޓީގެ އިތުބާރު ނެތްކަމަށާއި، އެހެންކަމުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި ދިނުމަށްއެދި، އެފްއޭއެމްގައި އެދިފައިވަނީ މިމަހުގެ ދިހަވަނަ ދުވަހުއެވެ.