ކުޅިވަރު

ހާއްސަ މެޗްއަށް އެއަރ އިންޑިޔާ ކްރިކެޓް ޓީމް މާލެ އަތުވެއްޖެ


ހުކުރު ދުވަހު ކުޅޭ ޚާއްސަ ކްރިކެޓު މެޗުތަކުގައި ވާދަކުރާ އެއަރ އިންޑިޔާގެ ޓީމު ރާއްޖެ އަތުވެއްޖެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން އެޓީމްއަށް މަރުޚަބާ ދެންނެވީ، ކުޅިވަރާ ބެހޭ ވަޒީރު އަޙުމަދު މަހުލޫފު އާއި އެއިދާރާގެ އިސް ވެރިންގެ އިތުރުން، ކޮމިޝަނާއޮފް ސްޕޯޓްސް ޢަލީ ޢުމަރު، މޯލްޑިވްސް ކްރިކެޓް ބޯޑުގެ ރަޢީސް މުހައްމަދު އަފްލާހް އާއި، ގައުމީ ކްރިކެޓް ޓީމުގެ ބައެއް ކުޅުންތެރިންގެ އިތުރުން ކުރީގެ ބައެއް ކުރިކެޓް ކުޅުންތެރިންނެއެވެ
ރާއްޖެއައި އެއާ އިންޑިއާގެ ޓީމުގައި ހިމެނޭ ފަނަރަ ކުޅުންތެރިންގެ ތެރޭގައި ދުނިޔޭގެ އެންމެ މޮޅެތި ކުރިކެޓް ކުޅުންތެރިންވެސް ހިމެނެއެވެ. އެގޮތުން އިންޑިއާއިން 2011ވަނަ އަހަރު ކުރިކެޓް ވޯލްޑްކަޕް އުފުލާލިއިރު ޓީމުގައި ހިމެނޭ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ހަރަބަޖަން ސިންގް އާއި އެއް އޯވަރުގައި ހަ ބޯޅަ ހަޔަކަށް ޖަހައިގެން ރެކޯޑް ހެދި ޔުވްރާޖް ސިންގް ފާހަގަ ކޮށްލެވެއެވެ.
މިޓީމުން ހުކުރު ދުވަހު ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައިއެވެ. އެގޮތުން ހުކުރު ދުވަހު ހެނދުނު ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖޭގެ ގައުމީ ކުރިކެޓު ޓީމާއި ދެކޮޅަށެއެވެ. އަދި ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ރަޢީސް އިބްރާހިމް މުޙައްމަދު ސާލިހުގެ ޓީމަކާއި ދެކޮޅަށެއެވެ.
މި ޚާއްސަ މެޗުގެ ތައްޔާރީތަކަށް، މެޗު ކުޅުމަށް ހަމަޖެހިފައިވާ ޓްރެކް ދަނޑު މިހާރު ވަނީ އާންމުންނަށް ބަންދު ކޮށްފައިއެވެ.