ކުޅިވަރު

ފުޓުބޯޅައިގައި އިންސާފާއި ބެހޭގޮތުން ވާހަކަ ދެއްކުމަކީ އުނދަގޫކަމެއް - ސޮލާރީ


ފުޓުބޯޅައިގައި އިންސާފާއި ބެހޭގޮތުން ވާހަކަ ދެއްކުމަކީ އުނދަގޫކަމެއް ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ސަންތިއާގޯ ސޮލާރީ ބުނެފިއެވެ.

ކޮޕަ ޑެލްރޭ ފުޓުބޯޅަ މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ވާދަވެރި ބާސާ އާއި ދެކޮޅަށް ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗް ސަންތިއާގޯ ސޮލާތީ ބުނީ، މެޗުގައި ރެއާލްއަށް ލަނޑުޖަހާނެ ކިތަންމެ ފުރުސަތެއް ލިބިގެންދިޔަ ކަމަށެވެ ޚާއްސަކޮށް ފުރަތަމަ ހާފުގަ އާއި ދެވަނަ ހާފުގެ ފަހުކޮޅުގައި ރެއާލްއަށް މެޗު ކާމިޔާބުކުރާނެ ފުރުސަތު ލިބުނު ކަމަށް ސޮލާރީ ބުންޏެވެ.

ސޮލާރީބުނީ، އޭނާގެ ނަޒަރުގައި ހަމައެކަނި މައްސަލައަކީ މެޗު އެއްވަރުވުން ކަމަށާއި، ކުޅުންތެރިންގެ ކުޅުމާއިމެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި ޒުވާން ކުޅުންތެރިޔާ ވިނީސިއަސް ޖޫނިއާ ދެއްކި ކުޅުމަށް ކޯޗް ސޮލާރީ ވަނީ ތައުރީފް ކޮށްފައެވެ.

ސޮލާރީ ބުނީ ބާސާފަދަ ވަރުގަދަ ޓިމަކާއި ދެކޮޅަށް އެހާ ޒުވާން ކުޅުންތެރިއަކު އެހާ މޮޅަށް ކުޅުން އެއީ އާންމުކޮށް ފެންނާނެ މަންޒަރެއް ނޫން ކަމަށާއި މިމެޗުގައި އޭނާގެ ފެންވަރު އޭނާ ހާމަކޮށްދީފި ކަމަށެވެ.

ބާސާގެ ދަނޑުގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ރެއާލް މެޑްރިޑުންނެވެ. މިލަނޑު މެޗުގެ ހަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލޫކަސް ވަސްކޭޒެވެ. ބާސާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފަންސާސް ހަތްވަނަ މިނެޓުގައި މެލްކޮމް އެވެ.

މެޗަށްފަހު ބާސާގެ ކޯޗް އާނަސްޓޯ ވާލްވާޑޭ ބުނީ، މެޗުގެ އޮއިވަރު ބަދަލުވީ މެޗުގެ ކުރީކޮޅު ބައިކޮޅަށް ލަނޑެއް ވަނުމުން ކަމަށާއި، ފުރަތަމަ ހާފުގައި ބާސާއަށް ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއްވެސް ނުދެއްކޭ ކަމަށެވެ. ނަމަވެސް ދެވަނަ ހާފުގައި މެޗު ކޮންޓްރޯލް ކުރީ ބާސާއިން ކަމަށާއި ރެއާލްއަކީ ވަރުގަދަ ޓީމެއްކަމުން މެޗު އެއްވަރު ކޮށްލެވުނީތީވެސް އުފާވާކަމަށެވެ.

ވަލްވާޑޭ ބުނީ މެޗުގެ ފުރަތަމަ އެގާރާގައި މެސީ ނުހިމެނީ އޭނާ އަނިޔާއިން މުޅިން ރަނގަޅު ނުވާތީ ކަމަށާއި، ނަމަވެސް މިފަދަ މެޗެއްގައި މެސީ ނުލައި ކުޅުން އެއީ އުނދަގޫ ކަމެއް ކަމުން ދެވަނަ ހާފުގައި އޭނާ އެރުވީ ކަމަށެވެ.

ބާސާއާއި ރެއާލް ވާދަކުރާ ސެމީފައިނަލުގެ ދެވަނަ ލެގު އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު.