ކުޅިވަރު

ރެއާލްއަކީ އެއްވެސް އިރެއްގައި އުއްމީދު ކަނޑާލާނެ ބައެއް ނޫން - ސޮލާރީ


ރެއާލް މެޑްރިޑަކީ އެއްވެސް އިރެއްގައި އުއްމީދު ކަނޑާލާނެ ބައެއް ނޫން ކަމަށް އެކުލަބުގެ ކޯޗް ސަންތިއާގޯ ސޮލާރީ ބުނެފިއެވެ.

އަންނަ ބުރާސްފަތި ދުވަހު ސްޕެނިޝް ކޮޕަ ޑެލްރޭގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ވާދާވެރި ބާސެލޯނާ އާއި ދެކޮޅަށް ނިކުންނަ މެޗާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ސޮލާރީ ބުނީ، އޭނާގެ ކޯޗުކަމުގެ ދަށުގައި ރެއާލް މީގެ ކުރިން ބަލިވި ނަމަވެސް އޭރުގެ ހާލަތު ތަފާތު ކަމަށާއި، އޭރު ރެއާލް އޮތީ އެހާ ރަނގަޅު ފޯމެއްގައިވެސް ނޫން ކަމަށެވެ.

ސޮލާރީ ބުނީ، ރެއާލްއިން ފަސް އެނބުރި ބަލަން ބޭނުން ނުވާ ކަމަށާއި، މިހާރު ދެޓީމު އޮތް ފޯމަށް ބެލިކަމުގައި ވިޔަސް ކުރިއަށް މިއޮތް މެޗުން ކޮންމެ ޓީމެއްވެސް މޮޅުވެދާނެ ކަމަށެވެ. އަދި ޚާއްސަ ކޮޕަ ޑެލްރޭގެ ސެމީފައިނަލް މެޗު ކަމަށްވުމުން ރެއާލްއިން އެމެޗަށް ނިކުންނާނީވެސް ތަފާތު ފޯމެއްގައިކަމަށާއި، މިސޫޒަނުގައި ކާމިޔާބީއެއް ހޯދަން ރެއާލްއިން ފެންބޮވައިގެންފައި ހުރިކަމަށްވެސް ސޮލާރީ ބުންނެވެ.

ސޮލާރީ ބުނީ ލެޕޮތުގީއަކީ މޮޅު ކޯޗެއް ކަމަށާއި، ނަމަވެސް އެންމެ ފަހު ވަގުތާއި ޖެހެންދެން ލީގުގައިވެސް އޭނާ ދޫނުދޭނެ ކަމަށެވެ. ބުރާސްފަތ ދުވަހު ކޮޕަ ޑެލްރޭ ސެމީގެ ފުރަތަމަ ލެގުގައި ރެއާލް އާއި ބާސާ ވާދަކުރާއިރު، ދެވަނަ ލެގުގައި މިދެޓީމް ވާދަކުރާނީ މިމަހުގެ 28ވަނަ ދުވަހުއެވެ.