ކުޅިވަރު

ގާޑިއޯލާ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކޯޗު - އެމެރީ


ގާޑިއޯލާއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކޯޗުކަމަށް އާސެނަލްގެ ކޯޗް އުނާއީ އެމެރީ ބުނެފިއެވެ.

އިނގިރޭސި ޕްރެމިއާ ލީގުގައި މާދަމާ، ތާވަލުގެ ދެވަނާގައި އޮތް މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ނިކުތުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗް އެމެރީ ބުނީ، ގާޑިއޯލާއަކީ އޭނާ އާއި އެކުއެކީގައި ކޯޗިން ކެރިއާރ ފެށި ކޯޗެއް ކަމަށާއި، އެކަމަކު މިހާރުވެސް އޭނާ ކޯޗުކަން ކޮށްދޭ ޓީމެއްގެ ކުޅުން ބެލުމުން ކިތަންމެ ކަމެއް ދަސްވާ ކަމަށެވެ.

ލީގުގެ ގަދަ ހަތަރެއްގައި ހަމަޖެހިލަން މަސައްކަތް ކުރަމުން އަންނަ އާސެނަލަށް މާދަމާގެ މެޗުން ނަތީޖާ ނުނެރެވިއްޖެ ނަމަ ފަސްވަނާގައި އޮތް ޗެލްސީއަށް އެޓީމު ފަހަތަށް ޖައްސާލަން ފުރުސަތު ލިބޭނެއެވެ. ނަމަވެސް އެމެރީ ބުނީ، ސިޓީ ބަލިކުރަން އުނދަގޫވާނެ ކަމަށާއި، ގާޑިއޯލާ ކޯޗުކަން ކޮށްދޭ ޓީމަކީ އަބަދުވެސް ފޭވަރިޓުން ކަމަށެވެ.

ކޯޗް އެމެރީ ބުނީ، މިފަހަރުގެ ޓްރާންސްފާގައި ޓީމާއި ގުޅުނު މިޑްފިލްޑާރ ޑެނިސް ސުއަރޭޒް މެޗުގައި ފެންނާނެ ކަމަށެވެ. ނަމަވެސް އޭނާ ބޭނުންކުރާނީ އޮޒިލްގެ ބަދަލުގައިތޯ އެހުމުން އެމެރީ ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ. އެމެރީ ބުނީ ސުއަރޭޒްގެ ސޮއެ ހޯދީ ޓީމުގެ އަރިމަތިން ކުޅޭނެ ރަނގަޅު ކުޅުންތެރިން ނެތުމުން ކަމަށާއި، އެއީ ވަކި ކުޅުންތެރިއެއްގެ ބަދަލުގައި ގެނައި ކުޅުންތެރިއެއް ނޫން ކަމަށެވެ.

ކޯޗް އުނާއި އެމެރީ މިހެން ބުނެފައި މިވަނީ، އޮޒިލްއަށް އެމެރީގެ ކޯޗުކަމުގެ ދަށުގައި އެކަށީގެންވާ ވަރަށް ފުރުސަތު ނުލިބޭތީ އެކަމާ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.