ކުޅިވަރު

ގައުމީ ވޮލީބޯޅަ ޓީމުތަކުގެ އޮފިޝަލުން އިއުލާންކޮށް އެއްބަސްވުމުގައި ސޮއިކޮށްފި


ގައުމީ ސީނިއާ އަދި ޖޫނިއަރ، އަންހެން އަދި ފިރިހެން ވޮލީބޯޅަ ޓީމުގެ އޮފިޝަލުން އިއުލާންކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ވޮލީބޯޅަ އެސޯސިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއެކޮށްފައިވަނީ އެއިދާރާގެ ޖެނެރަލް ސެކެޓްރީ މުހައްމަދު ޝާފީއެވެ.

ސީނިއާ ފިރިހެން ވޮލީޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ މުހައްމަދު ސާޖިދުއެވެ. އޭނާއަކީ މިދިޔަ އަހަރުވެސް މިމަގާމު އަދާކޮށްފައިވާ ކޯޗެވެ. ޓީމުގެ އެސިސްޓަންޓް ކޯޗުންނަށް ހަމަޖައްސާފައިވަނީ ޖުނައިދް އަބްދުﷲ އާއި މުހައްމަދު ރިޝްވާނެވެ. ޓީމުގެ މެނޭޖަރަކަށް ހަމަޖައްސާފައިވަނީ އަލީ ލަތީފްއެވެ.

ގައުމީ ސީނިއާ އަންހެން ވޮލީޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ތަޖުރިބާކާރު ކޯޗް އިބްރާހިމް ރަޝީދެވެ. ޓީމުގެ އެސިސްޓަންޓް ކޯޗުންނަށް އަހުމަދު ސުނާނާއި އާމިނަތި ޒީނިޔާ ހަމަޖެއްސިއިރު، މެނޭޖަރަކަށް ހަމަޖައްސާފައިވަނީ ހުސައިން ސިރާޖެވެ.

ގައުމީ ބީޗްވޮލީ ޓީމުގެ ކޯޗަކަށް އަހުމަދު ނަޝީދު ހަމަޖެއްސިއިރު، ޖޫނިއާ ފިރިހެން ޓީމުގެ ކޯޗަކަށް ހަމަޖެއްސާފައިވަނީ އިބްރާހިމް ޖަލީލެވެ. އަދި ޖޫނިއާ އަންހެން ޓީމުގެ ކޯޗަކަށް ހަމަޖެއްސީ ހަސަން އަގްލީންއެވެ. މިޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހަމަޖައްސާފައިވަނީ ސޮފްވާން އަހުމަދެވެ.

ވޮލީބޯޅަ ޑިވެލޮޕްމަންޓް ކޯޑިނޭޓަރަކަށް ހަމަޖައްސާފައިވަނީ އިބްރާހިމް ރަޝީދެވެ.

ޤައުމީ ޓީމްތަކުގެ އޮފިޝަލުންނާއިއެކު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަ ދައްކަމުން އެސޯސިއޭޝަންގެ ރަޢީސް މުޙައްމަދު ލަތީފް ވިދާޅުވީ، މިއީ މިވަގުތު ރާއްޖޭގައިތިބި އެންމެ ގާބިލް އޮފިޝަލުން ކަމަށާއި، އެސޯސިއޭޝަނުން މަސައްކަތްކުރާނީ ބައިވެރިވާ ކޮންމެ މުބާރާތަކުން ނަތީޖާ ނެރުމަށް ކަމަށެވެ. އަދި މިއަހަރު ވޮލީން ރާއްޖެއަށް މެޑަލް ހޯދުމަކީ އެންމެ ބޮޑު އެއް އަމާޒުކަމަށް ލަތީފް ވިދާޅުވިއެވެ.