ކުޅިވަރު

ލޮރެންޒޯ ބަލިކޮށް އެސޯސިއޭޝަން ކަޕުގެ ފައިނަލުގެ ދެވަނަޖާގަ ވެމްކޯ ހޯދައިފި


ލޮރެންޒޯގެ މައްޗަށް ކުރިހޯދައި ވޮލީބޯޅަ އެސޯސިއޭޝަން ކަޕުގެ ފައިނަލުގެ ފަހުޖާގަ ވެމްކޯއިން ހޯދައިފިއެވެ.

ސެމީފައިނަލުގެ ދެވަނަ މެޗުގައި ވެމްކޯއިން ލޮރެންޒޯގެ މައްޗަށް ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެސެޓުވެސް ވެމްކޯއިން ގެންދިޔައީ ސައްބީސް ސައުވީހުންނެވެ. ފަހުސެޓު އެޓީމުން ގެންދިޔައީ ފަސޭހަކަމާއިއެކު ފަންސަވީސް ސޯޅައިންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ވެމްކޯ ޓީމުގެ ކޯޗް ސޮފްވާން އަޙުމަދު ބުނީ، ފައިނަލަށް ދެވުމުން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި، މެޗުން މޮޅުވުމުގެ އެންމެބޮޑު އެއް ސިއްރަކީ ކުޅުންތެރިންގެ މޯޓިވޭޝަން ކަމަށެވެ. އެގޮތުން ސޮފްވާން ބުނީ، ސެމީގެ ފުރަތަމަ މެޗުގައި ކުޅުންތެރިން ހެދި ގޯސްތައް މިމެޗުގައި ވަރަށް ބޮޑަށް ރަނގަޅުކުރި ކަމަށާއި، މިމެޗުގައި ތަފާތަކަށް ފެނުނީ ކުޅުންތެރިންގެ ހިތްވަރު ކަމަށެވެ.

"ސެމީގެ ފުރަތަމަ މެޗުގައި، ޓީމުގެ މުހިންމު ބައެއް ކުޅުންތެރިންނަށް ގިނަ ގޯސްތަކެއް ހެދުނު. މިމެޗުގައި އެކަންކަން ރަނގަޅުކޮށްގެން ކުޅުނީ، ތަފާތަކީ ކުޅުންތެރިން ކުރި ހިތްވަރު". ސޮފްވާން ބުންޏެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލޮރެންޒޯގެ ކޯޗް މުމްތާޒް އަލީ ބުނީ، މެޗުގައި ގޯސްތަކެއް ހެދުނު ނަމަވެސް އޭނާގެ ކުޅުންތެރިން ދެއްކި ކުޅުން ރަނގަޅު ކަމަށާއި، ހަމައެކަނި ދިމާވި މައްސަލައަކީ ރެފްރީގެ ނިންމުންތައް ކަމަށެވެ. އެގޮތުން މުމްތާޒް ވަނީ ރެފްރީގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

"މެޗުން ބަލިވި މައިގަނޑު ސަބަބަކީ ރެފްރީގެ ނިންމުންތަށް، މިވަރުގެ މެޗެއްގައި ނިންމުންތަށް ގޯސްކޮށް އަންނަ ނަމަ ކުޅުންތެރިންނަށް މެންޓަލީވެސް އަސަރިތަކެއް ކުރާނެ، މިވަރުގެ މެޗެއްގައި ނިންމުންތަށް ގޯސްކޮށް ފެނުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން". މުމްތާޒް ބުންޏެވެ.

މުބާރާތުގެ ފައިނަލުގައި ވެމްކޯ ނިކުންނާނީ ސެމީގެ ފުރަތަމަ މެޗުގައި އެޓީމު ބަލިކުރުމަށްފަހު ފައިނަލުން ޖާގަހޯދި ޕޮލިސް ކުލަބާއި ދެކޮޅަށެވެ.
ޕޮލިހާއި ވެމްކޯ ބައްދަލުކުރާ ފައިނަލް މެޗު ކުޅޭނީ މާދަމާ ރޭއެވެ.