ޚަބަރު

ދުނިޔޭގެ ޗަސްބިމާ ބެހޭ ދުވަސް އައްޑޫގައި ފާހަގަކުރަނީ


ދުނިޔޭގެ ޗަސްބިމާ ބެހޭ ދުވަސް ފާހަގަ ކުރުމުގެ ގޮތުން "ވެޓް ލޭންޑް ފެއާ 2019" ގެ ނަމުގައި އައްޑޫ ނޭޗާރ ޕާކުގައި ފެއާއެއް ބާއްވަން ނިންމައިފިއެވެ.

އައްޑޫ ނޭޗާރ ޕާރކުން އިންތިޒާމުކޮށްގެން ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މި ފެއަރގައި ބައިވެރިވުމުގެ ފުރުސަތު ފެބްރުއަރީ 1 އާ ހަމައަށް ހުޅުވާލާފައިވާއިރު، މިފެއަރ އަމާޒު ކޮށްފައިވަނީ 9 އަހަރާއި 12 އަހަރާއި ދެމެދު އުމުރުފުރާގެ ކުދިންނަށެވެ.

އައްޑޫ ނޭޗަރ ޕާރކުގެ އެސިސްޓެންޓް ޑިރެކްޓަރ އާމިނަތު އާފާއު ޕީއެސްއެމް އަށް ވިދާޅުވީ މިފަހަރު ފުރުސަތު ހުޅުވާލަނީ 40 ބައިވެރިންނަށް ކަމަށެވެ. އަދި ބައިވެރިންނަށް އިސްކަން ދިނުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ރެޖިސްޓަރ ކުރާ ތަރުތީބުން ކަމަށްވެސް އެނާ ވިދާޅުވިއެވެ. މިފެއަރގެ ބައިވެރިންނަށް ޗަސް ބިމުގައި ހައްދާ ކަނޑޫފާއާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނޭޗަރ ޕާކުގެ ނާރސަރީގައި ކަނޑޫފާ އިންދައި ހެދި ބޮޑުވަމުން އަންނަ ގޮތުގެ މައުލޫމާތު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އައްޑޫ ނޭޗަރ ޕާރކުން ބުނީ މި ފެއަރގެ ތެރެއިން ކުރެހުމުގެ މުބާރާތެއްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. މިމުބާރާތުގައި ކުރަހަން ހަމަޖެހިފައިވަނީ މިއަހަރުގެ ޗަސްބިމުގެ ދުވަހު ޝިއާރު ކަމަށްވާ "މޫސުމަށް އަންނަ ބަދަލުތަކާއި ޗަސްބިން" ގުޅޭ މަންޒަރުތަކެވެ. އަދި މުބާރާތުން ވަނަވަނައަށް އަންނަ ޕޯސްޓަރުތައް އަންނަ އަހަރުގެ މިދުވަހާ ހަމަޔަށް ނެޗަރ ޕާކުގައި އެގްޒިބިޓް ކުރުމަށް ހަމަޖެހިފައިވާކަމަށް ނޭޗަރ ޕާރކުން މައުލޫމާތުދެއެވެ.

ދުނިޔޭގެ ޗަސްބިމާ ބެހޭ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ 2 ވަނަ ދުވަހުގައެވެ. މިދުވަސް ފާހަގަކުރަން ފެށުނީ 1971 ވަނަ އަހަރު އިރާނުގެ ރަށެއް ކަމަށްވާ ރަމްސާގައި ގައި ދުނިޔޭގެ ޗަސްބިންތައް ހިމާޔާތް ކުރުމަށް ރަމްސާ ކޮންވެޝަނުގައި ސޮއި ކުރުމާއި އެކުގައެވެ.