ޚަބަރު

ލާމަރުކަޒީ ޤާނުނާއި ގޫޅޭގޮތުން އައްޑޫސިޓީ ކައުންސިލާއި މަޝްވަރާ ކޮއްފި


ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމާ ގުޅޭ ގޮތުން އައްޑޫސިޓީ ކައުންސިލާއި މަޝްވަރާ ކޮށްފިއެވެ.

މި މަޝްވަރާތައް ކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޔޫއެންޑީޕީ އާއި ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ވަފުދެއް ވަނީ އައްޑޫ ސިޓީއަށް ވަޑައިގެން އެ ސިޓީގެ ކައުންސިލާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އައްޑޫސިޓީ ކައުންސިލުން ވަނީ ލާމަރުކަޒީ ޤާނޫނުން ލިބިފައިވާ ބާރުތަކާއެކު އެ ކައުންސިލް ހިންގުމަށް ލިބިފައިވާ ފަސޭހަތަކާއި ހުރި ދަތިތައް އެ ވަފްދާއި ހިއްސާކޮށްފައެވެ.

މީގެ އިތުރުން ކައުންސިލުން ވަނީ، ޤާނުނަށް ގެންނަން ފެންނަ ބައެއް އިސްލާހުތަށްވެސް އެ ވަފްދާއި ހިއްސާކޮށްފައެވެ. އަދި ދައުލަތުގެ އިދާރާތަކާއި ކައުންސިލްތަކާ އޮންނަ ގުޅުން ހަރުދަނާ ކުރުމުގައި ދިމާވާ ދަތިތައް ވެސް ކައުންސިލުން ވަނީ ފާހަގަ ކޮއްފައެވެ.

އައްޑޫސިޓީ ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމަށްފަހު އެ ވަފުދުގެ ބޭފުޅުން ވަނީ އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އެރަށުގައި އިސްކޮށް މަސައްކަތްކުރާ އެކި ފަރާތްތަކާއެކު ލާމަރުކަޒީ ޤާނޫނާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.