ޚަބަރު

އައްޑޫ ނޭޗަރ ޕާރކަށް ވަނުމަށް ފީއެއް ނަގަން ފަށައިފި


އައްޑޫ ސިޓީ ނޭޗަރ ޕާރކަށް ވަނުމަށް އެންޓްރެންސް ފީ ނަގަން ފަށައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އައްޑޫ ނޭޗަރ ޕާރކްގެ އެސިސްޓެންޓް ޑިރެކްޓަރ އާމިނަތު އަފާއު ވިދާޅުވީ ޕާރކަށް ވަންނަ ކޮންމެ މީހެއްގެ އަތުން މިއަދުން ފެށިގެން އެންޓްރެންސް ފީއެއް ނެގުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިކަމަށްޓަކައި އެކްސެސް ޕާރމިޓް ދޭން ފަށާފައިވާކަމަށާއި، ނޭޗަރ ޕާރކަށް ވަންނަ ކޮންމެ މީހަކުވެސް ޕާރމިޓް ގަންނަން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ދިވެހިންގެ އަތުން 5 ރުފިޔާ އަދި ބިދޭސީން އަތުން 7 ޑޮލަރު ނަގާނެކަމަށް އައްޑޫ ނޭޗަރ ޕާރކުން މައުލޫމާތުދެއެވެ. ނޭޗަރ ޕާރކުން އެންޓްރެންސް ޕާރމިޓް ދޫކުރަން ފެށުމުން އެންމެ ފުރަތަމަ ފާސް ބައްލަވައި ގެންފައިވަނީ އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤެވެ.

އައްޑޫ ނޭޗަރ ޕާރކު ހުޅުވައި ފުރަތަމަ 3 މަސް ދުވަހު ޚިދުމަތް ދީފައިވަނީ އެންޓްރެންސް ފީއަކާ ނުލައި، ޕާރކުން ދެވޭ ހުރިހާ ޚިދުމަތަކުން 50 އިންސައްތަ ޑިސްކައުންޓް ދީގެންނެވެ. ނަމަވެސް މިއަދުން ފެށިގެން ޕާރކުގެ ހުރިހާ ޚިދުމަތަކުންވެސް އަސްލު ކަނޑައެޅިފައިވާ އަގު ނަގަން ފަށާފައިވާކަމަށް އައްޑޫ ނޭޗަރ ޕާރކުން މައުލޫމާތުދެއެވެ.

އައްޑޫ ނޭޗާރ ޕާރކު ހުޅުވާފައިވާނީ މިދިޔަ ސެޕްޓެމްބަރ މަހުގެ 13 ވަނަ ދުވަހުއެވެ. އަދި ޕާރކު ހުޅުވިގެން ދިއުމާއެކު ހީނުކުރާވަރުގެ ބޮޑު ތަރުޙީބެއް ލިބިގެން ދިޔަ ކަމަށް އެ ޕާރކުން ބުނެއެވެ. އައްޑޫ ނޭޗަރ ޕާރކަކީ އައްޑޫ ސިޓީ ހިތަދޫގައި ޙިމާޔަތް ކޮށްފައިވާ އީދިގަލި ކިޅިއާއި، ކޯއްޓޭ ހިމެނޭ ގޮތަށް ހަދާފައިވާ ތަނެކެވެ.