ކުޅިވަރު

ޗެލްސީއަކީ ޔޫރަޕްގެ އެންމެ ވަރުގަދަ އެއް ޓީމު، ބަލިކުރެވުމުން ހިތްވަރު އާވެއްޖެ - ޕޮޗެޓީނޯ


ޗެލްސީއަކީ ޔޫރަޕް އެންމެ ވަރުގަދަ އެއްޓީމު ކަމަށާއި، އެޓީމު ބަލިކުރެވުމުން ސީޒަނާއި މެދު ހިތްވަރު އާވެއްޖެ ކަމަށް ޓޮޓްނަމްގެ ކޯޗް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

ލީގު ކަޕްގެ ސެމީފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ޗެލްސީގެ މައްޗަށް 1-0ގެ ނަތީޖާއަކުން ކުރިހޯދި މެޗަށްފަހު ވާހަކަ ދައްކަމުން ޓޮޓްންހަމްގެ ކޯޗް މައުރީސިއޯ ޕްޗެޓީނޯ ބުނީ، ޗެލްސީފަދަ ވަރުގަދަ ޓިމެއް ބަލިކުރެވުމަކީ ތައްޓަށް ވާދަކުރަން ލިބޭ ހިތްވަރެއް ކަމަށާއި، ދެވަނަ ލެގުގައިވެސް ޗެލްސީ ބަލިކުރެވޭނެކަމުގެ އުންމީދު އެބްއޮތްކަމަށެވެ.

ޕޮޗެޓީނޯ ބުނީ މެޗުން މޮޅުވެވުނީ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ގޯލެއް ކާމިޔާބުކުރެވުމުން ކަމަށާއި، ދެވަނަ ހާފުގައި ޗެލްސީގެ އެޓޭކްތައް ވަރުގަދަވުމުގެ ސަބަބުން އޭނާގެ ޓީމަށް ކުޅެން ޖެހުނީ މާބޮޑަށްވެސް ފަހަތަށް ޖެހިގެން ޑިފެންސިވް ގޭމެއް ކަމަށެވެ.

ރޭގެމެޗުގައި ޓޮޓްންހަމްއަށް އެޓިމުގެ ހަމައެކަނި ލަނޑި ކާމިޔާބުކޮށްދިނީ، ލިބުނު ޕެނަލްޓީއަކުން ހެރީކޭން އެވެ. މިއީ ޗެލްސީގެ ކީޕަރު ކޭންއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ. ނަމަވެސް ޗެލްސީގެ ބެންޗުންނާއި ސަޕޯޓަރުންވަނީ، ކޭން ހުރީ އޮފްސައިޑް މަގާމެއްގައި ކަމަށްބުނެ ރެފްރީގެ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ރެފްރީ ޕެނަލްޓީ ދީފައިވަނީވެސް ވީއޭއާރު ބެލުމަށްފަހުއެވެ.