ކުޅިވަރު

ރާއްޖޭގައި ބޮޑީބިލްޑިން ކުރިއެރުވިދާނެ - ޒީޑްރޫނަސް ސަވިކަސް


މުބާރާތްތައް އިތުރުކޮށްފިނަމަ ރާއްޖޭގައި ބޮޑީބިލްޑިންގ ކުރިއަށްގެންދަން ފަސޭހަވާނެ ކަމަށް ދުނިޔޭގެ އެންމެ ވަރުގަދަ މީހާގެ ގޮތުން މަޝްހޫރު، ލިތުއޭނިއާގެ ޒީޑްރޫނަސް ސަވިކަސް ބުނެފިއެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށްފަހު ފުރުމުގެ ކުރިން ސަވިކަސް ބުނީ، ރާއްޖެއަކީ ބޮޑީބިލްޑިން ކުޅިވަރެއްގެ ގޮތުގައި ކުރިއެރުވިދާނެ ޤައުމެއް ކަމަށާއި، ވާދަވެރި މުބާރާތްތަކެއް އިތުރުކޮށްފިނަމަ ރާއްޖޭގައިވެސް ރަނގަޅު އެތްލީޓުން އުފެދޭނެކަމަށެވެ.

އެގޮތުން ރާއްޖޭގެ ގިނަ މީހުންނަކީ ފިޓްނެސްއަށް ލޯބިކުރާ ބައެއްކަން ފާހަގަވިކަމަށާއި، ގިނަ ރިސޯޓުތަކުގައިވެސް ސްޓާފުންނަށް ޖިމް ހުރުމަކީވެސް އެކަމުގެ ހެއްކެއްކަމަށް އޭނާ ބުންޏެވެ.

"ރާއްޖޭގައި ކުޅިވަރެއް ގޮތަށް މިކަން ކުރިއެރުވިދާނެ. ވާދަވެރި ގިނަ މުބާރާތްތަކެއް ބޭއްވޭނަމަ ނަތީޖާ ނިކުންނާނެ. މުސްތަގުބަލުގައި ރާއްޖޭގައި ސެމިނާތަކެއް ނަގަން ބޭނުން".

ދަ ބިގް ޒީގެ ނަމުން މަޝްހޫރު ސަވިކަސް ވަނީ އުފަން ގައުމު ލިތުއޭނިއާގެ އެންމެ ބާރުގަދަ މީހާގެ މަގާމު ފަނަރަ ފަހަރު ވަނާ ހޯދާފައެވެ.

ވޯލްޑްސް ސްޓްރޯންގް މޭން މުބާރާތް ހަފަހަރު ކާމިޔާބު ކުރުމުގެ އިތުރުން، އާނޯލްޑް ސްޓްރޯންގް މޭން ކްލެސިކް މުބާރާތް އަށްފަހަރު ކާމިޔާބުކޮށްފައިވާ ސަވިކަސް ބުނީ، ރާއްޖެއަކީ ޗުއްޓީ ހޭދަކޮށްލަން އޭނާއަށް އެންމެ ހިތްގައިމު މަންޒިލް ކަމަށާއި، ޗުއްޓީ ދަތުރުތަކުގައިވެސް އޭނާއަށް ލިބިފައިހުރި ތަޖުރިބާ އެކި ފަރާތްތަކާއި ހިއްސާކުރަން ފުރުސަތު ލިބިއްޖެނަމަ އެކަމަށް ތައްޔާރަށް ހުރިކަމަށެވެ.