ކުޅިވަރު

އައިޓީއެފް އޭޝިއަން އަންޑާ 14 ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމު ތައިލޭންޑަށް ފުރައިފި


އައިޓީއެފް އޭޝިއަން އަންޑާ 14 ޓެނިސް ޗެމްޕިއަންޝިޕްގެ ދެވަނަ ޑިވިޝަނުގައި ވާދަކުރުމަށް ރާއްޖޭގެ ސާދަ އަހަރުން ދަށުގެ ގައުމީ ޓީމު ތައިލޭންޑަށް ފުރައިފިއެވެ.

މިމުބާރާތަށް ފުރި ރައްޖޭގެ ސާދަ އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނެނީ ފިރިހެން ތިން ކުޅުންތެރިންނާއި، އަންހެން ތިން ކުޅުންތެރިންނެވެ.
ޓީމުގައި ހިމެނޭ ފިރިހެން ތިން ކުޅުންތެރިންނަކީ ރައުދަކް މައުމޫން އާއި، މުހައްމަދު ނާމިގް ޝާހިދާއި، އިސްމާއީލް ނުހައިކް އިރުޝާނެވެ. އަންހެން ތިން ކުޅުންތެރިންނަކީ އާއިޝަތު ތާރާ ނައީމް އާއި، ލަޔާން މުހައްމަދު ޝާމިން އާއި، ޒޯޔާ ޒުބައިން ސަލީމެވެ. ޓީމުގެ ކޯޗަކީ ކުމާރު އަދިކަރީއެވެ.

މިމުބާރާތުގެ ފަރިތަކުރުންތައް މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގައި ރާއްޖެ ޓިމުން ވަނީ ފަށާފައެވެ.
މިމުބާރާތުގައި ދެވަނަ ޑިވިޝަނުން ރަނގަޅު ނަތީޖާއަށް ހޯދާ ޓީމުތަކަށް ފުރަތަމަ ޑިވިޝަނުން ޖާގަ ލިބޭއިރު، ރަނގަޅު ނަތީޖާތައް ހޯދާ ވަކި ވަކި ކުޅުންތެރިން، އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން އިން އާންމުކުރާ އަންޑާ 14 ރޭންކިން ލިސްޓުން ޖާގަ ލިބޭނެއެވެ.

މިމުބާރާތަކީ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ.
ޓެނިސް އެސޯސިއޭޝަނުން ބުނެފައިވަނީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ޖޫނިއާ ކުޅުންތެރިންނަށް ވާދަކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަކީ އެ އެސޯސިއޭޝަނުން އިސްކަންދޭ ކަމެއް ކަމަށެވެ. އަދި މިއަހަރު ސްރީލަންކާގައި އޮންނަ ޖޫނިއާ ޑޭވިސް ކަޕް އަދި ޖޫނިއާ ފެޑް ކަޕްގެ ސަރަހައްދީ ކޮލިފައިންގައި ރާއްޖެއިން ބައިވެރިވާނެ ކަމަށްވެސް ޓެނިސް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.