ކުޅިވަރު

ފާޑުކިއުންތަށް އަމާޒުވިޔަސް ސީޒަން ޖޫންމަހު ފަށަން ހަތްކުލަބުން އެއްބަސްވި- ސާންތި


ހިޔާލު ބަދަލުވެ، ފާޑުކިއުންތަށް އަމާޒުވި ކަމުގައި ވިޔަސް، ހަތް ކުލަބުން ސީޒަން ޖޫންމަހު ފަށަން އެއްބަސްވި ކަމަށް އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓާ އިހުސާން އަބްދުލް ޣަނީ (ސާންތި) ބުނެފިއެވެ.

ރާއްޖޭގެ ސީޒަން ޖޫންމަހު ފެށުމަށް އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތަށް، ބައެއް ފަރާތްތަކުން އެއިދާރާއަށް ކުރިމަތި ކުރުވަމުން އަންނަ ފާޑުކިއުންތަކަށް ރައްދު ދެމުން ސާންތި ބުނީ، އެފްއޭއެމުން މިފަދަ އެއްވެސް ނިންމުމެއް ކުލަބުތަކާއި މަޝްވަރާނުކޮށް ނިންމާފައި ނުވާނެ ކަމަށާއި، ސީޒަން ޖޫންމަހުން ފަށަން، ފުރަތަމަ ޑިވިޝަނުގެ 8 ކުލަބާއި މަޝްވަރާ ކުރުމުން އޭގެތެރެއިން 7 ކުލަބުން އެކަމަށް އެއްބަސް ވެފައިވާކަމަށެވެ. އަދި އެ މަޝްވަރާތަށް ކުރިއަށް ދިޔައިރު، މަޝްވަރާތަކަށް ދައުވަތު ދިނީ ކުލަބުތަކުގައި އެފަދަ ނިންމުންތަކަށް ގޮތް ނިންމޭ ފެންވަރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ކަމަށާއި، ޖޫންމަހު ސީޒަން ފަށާނަމަ ވާނެ ފައިދާ އާއި ގެއްލުމާއިމެދު ފުރިހަމައަށް ވިސްނައި ބަސް ބުނުމުގެ މިނިވަންކަން ކުލަބުތަކަށް ދީފައިވާނެ ކަމަށްވެސް އިހުސާން ބުންޏެވެ.

"އެފްއޭއެމްގެ ވަރަށް ބޮޑު އެސެޓެއް ކުލަބު ތަކަކީ، ޖޫންމަހުން ސީޒަން ފަށަން ފުރަތަމަ ޑިވިޝަނުގެ އެންމެ ކުލަބެއް ފިޔަވާ ހުރިހާ ކުލަބަކުން އެއްބަސްވި. ކުލަބުތަކާ މަޝްވަރާ ނުކޮށް މިފަދަ އެއްވެސް ނިންމުމެއް އެފްއޭއެމްއަކުން ނުނިންމަން." ސާންތި ބުންޏެވެ.

ޖޫންމަހު ސީޒަން ފަށަން ފުރަތަމަ ޑިވިޝަނުގެ 8 ކުލަބުގެ ތެރެއިން 7 ކުލަބުން އެއްބަސްވި ކަމަށް އެފްއޭއެމުން ބުނި ނަމަވެސް، ފުރަތަމަ ޑިވިޝަނުގެ 2 ކުލަބަކުން މިހާރު ވަނީ ޖޫންމަހު ސީޒަން ފެށުމާއިމެދު ނުރުހުން ފާޅުކޮށްފައެވެ. އަދި ތަޖުރިބާކާރު ބައެއް ކޯޗުންވެސް އަންނަނީ މިކަމަށް ފުޅާ ދާއިރާއެއްގައި ވިސްނުމަށް ގޮވާލަމުންނެވެ.