ކުޅިވަރު

ޢިލްމީ ދިރާސާތަކެއް ނުކޮށް ފުޓުބޯޅަ ފޯމެޓަށް ބަދަލު ގެނައުމަކީ ގޯހެއް- ސުޒޭން


ޖޫން މަހު ފުޓްބޯޅަ ސީޒަން ފަށަން އިލްމީ ދިރާސާތަކެއް ކޮށްފައި ވާނަމަ، އެތައްގޮތަކުން ކުލަބު ތަކަށާއި ކުޅުންތެރިންނަށް ލިބޭނެ ގެއްލުންތަކެއް ފާހަގަކުރެވޭކަމަށްބުނެ ރާއްޖޭގެ ތަޖުރިބާކާރު ކޯޗް އަލީ ސުޒޭން އެފްއޭއެމްގެ ނިންމުމަށް ފާޑުކިޔައިފިއެވެ.

ޕީއެސްއެމްގެ ދިވެހި ފުޓުބޯޅަ ޕްރޮގުރާމްގައި ވާހަކަ ދައްކަމުން، ކޯޗް ސުޒޭން ބުނީ، ރާއްޖޭގެ ސީޒަން ޖޫން މަހު ފަށާގޮތަށް ބަދަލުކުރަން އެފްއޭއެމުން ނިންމާފައިވަނީ ވިސްނަން ޖެހޭވަރަށް ވިސްނާފައި ނޫންކަމަށެވެ. އެގޮތުން މިކަމުގައި އިލްމީ ދިރާސާތަކެއް ކޮށްފައި ވާނަމަ، އެތައްގޮތަކުން ކުލަބު ތަކަށާއި ކުޅުންތެރިންނަށް ލިބޭނެ ގެއްލުންތަކެއް ފާހަގަކުރެވޭކަމަށްވެސް ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ، މިހާރު ސީޒަން އޮންނަ ގޮތުން އޮފް ސީޒަން ދުވަސްވަރު، ނުވަތަ ނޮވެމްބަރު އަދި ޑިސެމްބަރު، މިދެމަހުގައި ކުޅުންތެރިންނަށް އަތޮޅުތެރޭގެ މުބާރާތްތަކުން ކޮންމެވެސް ވަރެއްގެ އާމްދަނީއެއް ލިބޭ ކަމަށާއި، އެހެންނަމަވެސް ޖޫންމަހު ސީޒަން ފަށާނަމަ، ކުޅުންތެރިންނަށް އެމުބާރާތް ތަކުގައި ނުކުޅެވޭނެ ކަމަށެވެ. އަދި އޮފްސީޒަންގައި ނުވަދިހަ އިންސައްތަ ކުޅުންތެރިންނަށް އާމްދަނީއެއް ލިބޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

އަދި މިއަހަރު ދޫކޮށް އަންނަ އަހަރު ރާއްޖޭގެ ކުލަބުތަކުން އޭއެފްސީ ކަޕުގައި ވާދަކުރާ ހިސާބުން، ރާއްޖޭގެ ކުލަބުތަކަށް ލިބޭނީ ތާށި ޝެޑިއުލްއެއް ކަމަށާއި، އެހެންކަމުން އޭގެ ސަބަބުންވެސް ކުޅުންތެރިންނަށް ފިޓްނެސް މައްސަލަތަކެއް ދިމާވާނެ ކަމަށްވެސް ސުޒޭން ބުންޏެވެ.

"ގިނަ ކުޅުންތެރިން މިހާރުވެސް ތިބީ މުސާރަ ނުލިބި، ޑިސެމްބަރ މަސްވެސް ހުސްވީ، ޖެނުއަރީމަހުވެސް ނުލިބޭނެ، މިހެންގޮސް ޖޫން މަހާ ހަމައަށް ކުޅުންތެރިން ތިބެން މިހެޖެނީ މުސާރަ ނުލިބި. މިކަހަލަ ބަދަލުތަށް ގެންނައިރު، އިލްމީ ދިރާސާތަށް ކުރާނަމަ ވާނެ ފައިދާތަކާއި ގެއްލުންތަށް މާ ރަނގަޅަށް އެނގޭނެ" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ ރާއްޖޭގެ ފުޓުބޯޅަ ސީޒަނަށް ކުއްލި ކުއްލިއަށް ބަދަލުތަށް އައުންވެސް އެއީ އެފްއޭއެމްއިން މިފަދަ ނިންމުންތަށް ނިންމާއިރު ވިސްނަން ޖެހޭވަރަށް ނުވިސްނާ ކަމުގެ ހެއްކެއް ކަމަށާއި، މިފަދަ ބޮޑެތި ބަދަލުތަކަކީ އަޖުމަ ބަލާލުމުގެ އުސޫލުން ކުރަންވާނެ ކަމެއް ނޫން ކަމަށެވެ.

އެފްއޭއެމުން އަންނަނީ ކުލަބުތަކައި މަޝްވަރާ ކުރުމަށްފަހު ޖޫން މަހު ސީޒަން ފެށުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އަދި އެފްއޭއެމުން މިގޮތަށް އަމަލުކުރަން ނިންމާފައިވާކަމެއް ރަސްމީ ސިފައެއްގައި އިއުލާނެއް ނުކުރެއެވެ.