ޚަބަރު

އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙާލަތު ދެނެގަތުމަށް އައްޑޫ ސިޓީގައި ދިރާސާއެއް ފަށައިފި


އައްޑޫސިޓީގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙާލަތު ދެނެގަތުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމް އިން ދިރާސާއެއް ކުރަން ފަށައިފިއެވެ.

އެޗްއާރްސީއެމް އިން ބުނީ މި ދިރާސާގެ މަޤްސަދަކީ، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިދޭ ހައްޤުތަކާއި، ރައްކާތެރިކަން ކަށަވަރުވެފައިވާ މިންވަރު ދެނެގަތުން ކަމަށެވެ. އަދި އެފަދަ ފަރާތްތަކުގެ ޙާލަތު ރަނގަޅު ކުރެވޭނެ ނިޒާމެއް ޤާއިމު ކުރުމަކީވެސް މި ދިރާސާގެ މަޤްޞަދެއް ކަމަށް އެޗްއާރު ސީއެމުން ބުނެއެވެ.

މިދިރާސާގައި މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވަނީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ރެޖިސްޓްރީގައި ހިމެނޭ އުމުރުން ދުވަސްވީ މީހުންނާއި، އެންސްޕާގެ ދަފްތަރުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތައް ހިމަނައިގެންނެވެ.

މިމަހުގެ 10 އިން 12 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިދިރާސާ އަކީ އެޗްއާރްސީއެމްއާއި، އައްޑޫސިޓީ ކައުންސިލާއި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ގުޅިގެން ކުރިއަށް ގެންދާ ދިރާސާއެކެވެ.