ޚަބަރު

އައްޑޫ ލިންކް ރޯޑުގައި ކާރެއް ފުރޮޅާލާ ދެމީހަކަށް އަނިޔާވެއްޖެ


އައްޑޫސިޓީ ލިންކް ރޯޑުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން މަޢުލޫމާތުދޭގޮތުގައި އެއެ ކްސިޑެންޓު ހިނގީ މިއަދު 11:56 ހާއިރުއެވެ. އަދި އެކްސިޑެންޓް ހިނގީ އައްޑޫ ލިންކް ރޯޑުގައި ފޭދޫއިން ހިތަދުއަށް ބާރު ސުޕީޑެއްގައި ދަނިކޮށް ކާރު ކޮންޓުރޯލު ނުވެގެން ގަހެއްގައި ޖެހި ކާރު ފުރޮޅާލައިގެންކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓުގައި ދެމީހަކަށް ވަނީ އަނިޔާވިއެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ 12:15 އެހައިކަށް ހާއިރު އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ ދެމީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ އައްޑޫސިޓީ، ލިންކްރޯޑުގެ ފަޅުރަށްތަކުގެ ތެރެއިން ކުނި ކޮށި ފަސްކޮށް މަރަދޫއާއިވީ ފަޅިންނެވެ. ކާރު އެކްސިޑެންޓުވީ ބާރު ސްޕީޑުގައި ފޭދޫ އިން ހިތަދޫ އާއި ދިމާލަށް ދުއްވަމުން ދަނިކޮށްކަމަށް އެ ޞަރަޙައްދުގައި ތިބި މީހުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދިނެވެ.

އައްޑޫސިޓީ ލިންކްރޯޑުގެ މި ޞަރަޙައްދުގައި މިއަހަރު ކުރީ ކޮޅު ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި މީހަކު ވަނީ މަރުވެފައެވެ.