ޚަބަރު

އައްޑޫގައި ފުރަތަމަ ފަހަރަށް ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަނެއްކޮށްފި


އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނެއް ކޮށްފިއެވެ.

މިއީ މާލެ ފިޔަވައި އެހެން ރަށައްގައި މިއޮޕަރޭޝަން ކުރި ފުރަތަމަ ފަހަރެވެ.

60 އަހަރުގެ އަންހެނެެއްގެ ކަކުލު ހުޅު ބަދަލުކުރުމަށް ކުރިއަށްދިޔަ މިއޮޕަރޭޝަން ކުރުމުގައި ހަރަކާތްތެރިވީ ރާއްޖޭގައި ކަކުލު ހުޅު ބަދަލުކުރުމުގެ ދެހާހަށްވުރެ ގިނަ އޮޕަރޭޝަންކޮށްފައިވާ އައި.ޖީ.އެމް.އެޗްގެ ކަށީގެ ޑިޕާޓްމެންޓްގެ ހެޑް އަދި ކަށީގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. އަލީ މުޒްނީ އާއި އެނާގެ ޓީމުންނެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. މުޒްނީ ވިދާޅުވީ މާލެ ނުގޮސް، ރަށްރަށުގައި ހުރެގެން މިފަދަ އޮޕަރޭޝަންތައް ކުރަން ފެށުމުން ރައްޔިތުންނަށް ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންވެސް އެބަހުރި ބައެއްކަހަލަ ދަތިތައް. މިސާލަކަށް އެނދު ލިބުމުގެ ދަތިކަން މިހާރު ވަރަށް ބޮޑުވެފަ އޮތީ. އަދި ރަށްރަށުން މާލެ ދާ މީހުން އެކި އެކި ސަބަބުތަކާއި ހެދި ވަރަށް ތަކުލީފު އުފުލައިގެން މާލޭގައި މި އުޅެނީ. އެހެން ކަމުން އަޅުގަނޑުމެން އަތޮޅުތެރޭގައި މިކަން ފަށައިގަތުމުން، ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ" ޑރ. މުޒްނީ ވިދާޅުވިއެވެ.

ޑރ. މުނީޒް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެހެން ހިސާބުތަކުގައިވެސް މިއޮޕަރޭޝަން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ދެން އެންމެ އަވަހަށް މި އޮޮޕަރޭޝަން ކުރުމަށް ހަމަޖެހިފައިވަނީ ގ.ދ ތިނަދޫގައި ކަމަށް މުޒްނީ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޕްލޭނުގައި އެބަހުރި، މިއަންނަ މަހުގަ ތިނަދޫގެ މި އޮޕަރޭޝަން ފަށަން. ރާއްޖޭގެ އެންމެ އުތުރުން ކުޅުދުއްފުށީގައިވެސް ވަރަށް އަވަހަށް މި އޮޕަރޭޝަންތަށް ފެށޭތޯ ބަލަމުން އަޅުގަނޑުމެން ގެންދާނަން. އެހެންވީމާ އަޅުގަނޑުމެންގެ އުއްމީދަކީ އަދި ޕްލޭނަކީ ވެސް، އިރާދަ ކުރެއްވީއްޔާ ހުރިހާ ރީޖަނަލް ހޮސްޕިޓަލެއްގައި ވެސް މި އޮޕަރޭޝަންތައް ކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދިއުން " ޑރ. މުޒްނީ ވިދާޅުވިއެވެ.

ރާއްޖޭގައި ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަންތައް ކުރަން ފަށާފައިވަނީ މީގެ 13 އަހަރު ކުރިން އައި.ޖީ.އެމް.އެޗުގައެވެ. ފުރަތަމަ ބޭރުން ޑޮކްޓަރުން ގެނެސްގެން އޮޕަރޭޝަން ކުރި ނަމަވެސް މިހާރު މިއޮޕަރޭޝަންތައް ކުރަނީ ދިވެހި ޑޮކްޓަރުންކަން ފާހަގަ ކުރެވެއެވެ.