އަތޮޅުތައް

އޭދަފުށީގެ "ތަރައްޤީ 50" ފާހަގަކުރުން


ބ.އަތޮޅު އޭދަފުށިން މިއަދު ފެންނަމުންދާ ތަރައްޤީގެ އަޞްލަކީ މީގެ 50 އަހަރު ކުރިން އެރަށަށް އެއަތޮޅު ބައެއް އެހެންރަށްރަށުގެ މީހުން ބަދަލުކުރުން ކަން ގިނަ ބަޔަކު އިއްތިފާޤުވެއެވެ. މީހުން ބަދަލު ކުރި ދުވަސްވަރުގެ ޒުވާނުން މިއަދު ބުނަނީ މުސްތަޤުބަލަށް ވިސްނާފައި އޭރުވެސް އެމީހުން އުފާކުރިކަމަށެވެ.

އާބާދީ ބޮޑުވުމުން ރަށަކަށް އަންނަ ކުރިއެރުމަކީ ހަމަގައިމުވެސްް މިއަދު ކޮންމެ މީހަކުވެސް އެއްބަސް ވާނެ ޙަޤީގަތެކެވެ. ތާރީޚީ ބައެއް ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވާ ގޮތުންނަމަ އޭދަފުއްޓަށް މީހުން ބަދަލުކުރުމުގެ މަސައްކަތްފެށިގެން އައީ އެއް ރަށެއްގައި 50 މީހުން ހަމަނުވާ ކޮންމެރަށެއް އެއީ ފަޅުރަށެއްކަމުގައި އޭރުއޮތް ސަރުކާރުން ހަމަޖެއްސުމާ ގުޅިގެންނެވެ. ހުކުރު ހަމަނުވާ އާބާދީ މަދު ރަށްތަކުގެ މީހުން އާބާދީ ބޮޑެތި ރަށްތަކަށް ބަދަލު ކުރުމުގެ މަސައްކަތް 1968 ވަނަ އަހަރުގެ ތެރޭގައި ބ.އަތޮޅުގައި ވަނީ ފަށާފައެވެ. މިތިން ރަށުގެ މީހުންގެ އިތުުރުން މި އަތޮޅު ކިހާދޫ މީހުން ހިތާދޫއަށްވެސް ވަނީ ބަދަލުކޮށްފައެވެ. އެހެނަސް އެފަރާތްތަކަށް ދިމާވި އެކި މައްސަލަތަކާހުރެ އަނބުރާ އެމީހުންގެ ވަޒަނަށް ހިޖުރަކުރިއެވެ.

މާއްޑޫ، އުނޑޫދޫ، ފުނަދޫ މިތިންރަށުގެ މީހުންނަށްވެސް ރަށުން ބަދަލުވެގެންއައި ދުވަސްވަރު ތަފާތު ގޮންޖެހުންތަކާ ކުރިމަތިވިއެވެ. އެހެންނަމަވެސް އެކަންކަން ފަހަތައްޖައްސާލައި އެމީހުން މަސައްކަތްފެށީ އާ ޢަޒުމަކާއި އާ ހިތްވަރަކާއެކުގައެވެ. ބަދަލުވި ޢާއިލާތަކުން ބުނީ އެދުވަހު އެމީހުން އުފާކުރި ކަމަށާއި، އޭގެ ފުރިހަމަ މޭވާ މިއަދު ފެންނަކަމަށެވެ.

އެޒަމާނަކީ ހޭލުންތެރި ޒަމާނެއްނޫނެވެ. މުއާޞަލާތީ ގޮތުން ގުޅޭ ދުވަސްވަރެއްވެސް ނޫނެވެ. ހަމަގައިމުވެސް އުފަން ރަށް ދޫކޮށް އެޒަމާނުގައި އެހެން ވަޒަނަކަށް ބަދަލުވުން އެއީ އެހާފަސޭހަކަމަކަށް ނުވާނެއެވެ. އޭރު ޢާއިލާގައި ތިބި ދުވަސްވީ މީހުން އެކަމާދެކޮޅު ހެދިނަމަވެސް އޭރުގެ ޒުވާނުންގެ ގޮތުގައި ތިބި މިއަދު އުމުރުން 60 އަހަރާއި 70 އަހަރާ ދެމެދުގެ މީހުން ބުނީ އުފަން ރަށް ދޫކޮށް ދާންޖެހުން އެއީ ދެރަކަމެއް ނޫންކަމަށާ، އޭދަފުއްޓަށް ބަދަލުކުރުން އެއީ އެމީހުންނަށް ލިބުނު ބޮޑު ނަސީބެއްކަމަށް އެމީހުން ބުންޏެވެ.

މިޙާލުގައި އެޒަމާނުގައި ދިރިއުޅުން ވޭތު ކުރަމުންގޮސް ތަޢުލީމާއި ސިއްޙީގޮތުން އަދި އުމްރާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ކުރިއެރުން ތަކެއް ލިބޭރަށަކަށް ބަދަލުވުމަށް މިމީހުންތިބީ އެދިއެދިއެވެ. މިއަދު މިހުރިހާ ޚިދުމަތެއް އޭދަފުށިން ލިބެމުންދާކަން ފާހަގަކުރަމުން އެމީހުން ބުނީ، އޭދަފުއްޓަށް އައިސްފައިވާ ތަރައްޤީއަކީ ގިނަބަޔަކު ޤަބޫލުކުރާ ގޮތުންނަމަ އެރަށައް މީހުން ބަދަލުވުމުން ލިބުނު ތަރައްގީއެވެ. ބަދަލު ކުރި ދުވަހު އޭދަފުށީ ރައްޔިތުންގެ ފަރާތުން ލިބުނު އޯގާތެރިކަމަކީ ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެ ދުވަސްތަކެއްކަމަށް އެމީހުން ބުންޏެވެ.

އަދި މި މީހުން ބަދަލުކުރިއިރު އެމީހުންނަށް ސަރުކާރުންނާ އޭރު އޭދަފުށީގަ ދިރިއުޅެމުންދާ ފަރާތްތަކުގެ އެހީގައި ގެދޮރު އަޅާއިދިންކަން އެމީހުން ފާހަގަކުރެއެވެ. އެދުވަހު ފަންގެއަކަށް ބަދަލުކުރިނަމަވެސް މިއަދު އެމީހުންގެ އަމިއްލަ މަސައްކަތުން ދަނީ އެންމެ ޒަމާނީ ފެންވަރައްތަންތައް ޢިމާރާތް ކުރަމުންނެވެ. އޭދަފުށްޓަށް އިގްތިޞާދީގޮތުންނާއި އެހެނިހެން ގޮތްގޮތުން އެމީހުންގެ އަމިއްލަ ރަށެކޭ އެއްވަރަށް މަސައްކަތްކުރަމުން ދިޔުމުގެ ނަތީޖާ މިއަދު އޭދަފުށން ފެނިގެންދެއެވެ.

މިއަަރުގެޑިސެމްބަރު މަހުގެ 17 ވަނަ ދުވަހަކީ އޭދަފުށިން މިފެންނަމުންދާ ތަރައްޤީއަށް 50 އަަހަރުފުރޭ ރަންޔޫބިލް ދުވަހެވެ. މިދުވަސް ފާހަގަކުރުމަށް މިހާރުވެސް އެރަށްރަށުގެ މީހުންދަނީ ތައްޔާރުވަމުންނެވެ. އަންނަ އަހަރު 50 އަަހަރު ފުރޭ ރަންޔޫބިލް ފާހަގަކުރުމަށް ޚާއްޞަ ޙަރަކާތްތަކެއް ރާވަމުން ދާކަމަށް އެފާރާތްތަކުން މައުލޫމާތުދެއެވެ.