ޚަބަރު

އިސްދުއާއި ކަލައިދޫ ގުޅޭ ބޮޑުމަގު ރަނގަޅު ފެންވަރަކަށް ހެދުމަށް ރައީސް ޔާމީން ވަނީ ނިންމަވާފަ- މޫސާ މަނިކު


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ އިސްދޫއާއި ކަލައިދޫއާ ދޭތެރޭ އޮންނަ ބޮޑު މަގުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ސަރުކާރުން ހައްދަވައިދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބްރައީސް މޫސާ މަނިކް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ނައިބްރައީސް މޫސާ މަނިކް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް، ރައްޔިތުންގެ ހާލު ބައްލަވައިލެއްވުމަށް ފަށްޓަވާފައިވާ އެންމެ ގާތުން ކެމްޕެއިންގެދަށުން، ލ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކަލައިދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި މޫސާމަނިކު ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ރައްޔިތުންނަށް ވައުދެއް ވެވަޑައިގެންފިނަމަ އެ ވަޢުދެއް މިހާތަނަށް ފުއްދަވާދެއްވާފައިވާކަން ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން ރިޔާސީ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ އިސްދުއާއި ކަލައިދޫއާ ދެމެދު އޮންނަ ކޯސްވޭގައި ތާރުއަޅުވައިދެއްވުމަށް ވެ ވަޑައިގެންފައިވާ ވަޢުދުވެސް ރައީސް ހަޤީޤަތަކަށް ހައްދަވައިދެއްވާނެކަމަށް މޫސާމަނިކު ވިދާޅުވިއެވެ.

މީގެ އިތުރުން، އިސްދުއާއި ކަލައިދޫގައި ބަހުގެ ޚިދުމަތްދިނުމަށް ބޭނުންވާ ބަސްތައް މިހާރު ގެނެސްފައިވާކަން ފާހަގަކުރައްވާ، އެ ޚިދުމަތްވެސް ލަސްތަކެއް ނުވެ ފެށިގެންދާނެކަން ރައްޔިތުންގެ މަޖިލީހުގެ ނައިބްރައީސް މޫސާމަނިކު ވަނީ ފާހަގަކުރައްވާފައެވެ.

ހައްދުންމަތީ ކަލައިދުއަކީ، އިސްދުއާއި ވަކިން އޮންނަ، މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅުއްވީ 2014 ވަނަ އަހަރުގައެވެ.

ރައީސްގެ އަނބިކަނބަލުން ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެއަތޮޅުގެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުންގެ ހާލުބައްލަވައި ރައްޔިތުންގެ ކަންބޮޑުވުންތައް ވަނީ އޮޅުންފިލުއްވާފައެވެ. އެކަމަނާގެ މި ދަތުރުފުޅުގައި ކަލައިދޫގެ ރައްޔިތުންވަނީ ރަށުގެ ކުނި ކަހައިގެން ކުރިން ރައްޔިތުންނަށް ލިބެމުން އައި ފައިސާ، އެމްޑީޕީގެ ސަރުކާރުން ހުއްޓާލާފައިވުމާއެކު، އެ މަސައްކަތްކުރާ ފަރާތްތަކަށް އަލުން ފައިސާ ލިބޭނެގޮތެއް ހަމަޖައްސަވައިދެއްވުމަށް މަސައްކަތްކޮށްދެވުމަށް އެދިފައެވެ. އަދި ކަލަިދޫގައި ކަސްރަތުކުރުމަށް އައުޓްޑޯ ޖިމްއެއް ޤާއިމްކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުމަށްވެސް ރައްޔިތުންވަނީ އެދިފައެވެ.