ޚަބަރު

ކުޅުދުއްފުށީގެ ކުނިކޮށި ހުންނަ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ވެމްކޯއިން ފަށައިފި


ހދ. ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް އެ ރަށުގެ ކުނިކޮށި ހުންނަ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ވެމްކޯއިން ފަށައިފިއެވެ.

މިމަސައްކަތް އަވަސްކުރުމަށްޓަކައި ވެމްކޯއިން ވަނީ މި މަސައްކަތައް ބޭނުންވާ ލޭންޑިން ކްރާފްޓްތައްވެސް ކުޅުދުއްފުށްޓަށް ގެންގޮސްފައެވެ.

ވެމްކޯއިން ބުނީ، ކުނި އުފުލުމަށް އެރަށަށް ގެންގޮސްފައިވާ ކޮޅުވެއްޓި ބޭނުންކޮށްގެން ކުރިއަށްއޮތް ދެމަސްދުވަހުގެތެރޭގައި ކުޅުދުއްފުށީގެ ކުނިގޮނޑު އެއްކޮށް ސާފުކުރެވޭނެ ކަމަށެވެ.

މިދިޔަ އޮގަސްޓު މަހު ރައީސް ޢަބްދުﷲ ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގެން އެމަނިކުފާނު ވަނީ ކުޅުދުއްފުށީ ކުނީގެ މައްސަލަ ހައްލުކުރުމަށް ވެމްކޯގެ އޮޕަރޭޝަންސްތައް އެރަށުގައި ފަށާނެކަމަށް ވިދާޅުވެފައެވެ.

ވެމްކޯއިން ކުޅުދުއްފުށީގައި ކުނި މެނޭޖްކުރުމަށް އޮޕަރޭޝަންތައް ފެށުމާއެކު އެރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ އެއްކޮށް ހައްލުވާނެކަމަށް ވެމްކޯއިން ބުނެއެވެ.