ޚަބަރު

އައްޑޫ ސިޓީ ގަމާއި ސައުތު އެފްރިކާއާ ދެމެދު ސީދާ ދަތުރުތައް ފަށަން ތައްޔާރުވަނީ


އައްޑޫ ސިޓީ ގަމާއި ސައުތު އެފްރިކާއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް އައްޑޫ އިންޓިނޭޝަނަލް އެއާޕޯޓުގެ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސް އަށް މަޢުލޫމާތުދެމުން ގަން އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނި، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ލަތީފް ވިދާޅުވީ ސައުތު އެފްރިކާއިން ގަމަށް ސީދާ ދަތުރުތައް ފެށުމާގުޅޭ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމާ، އަމާޒަކީ މިއަހަރުގެ ފަހުކޮޅު ދަތުރުތައް ފެށުންކަމަށެވެ.

"އެހެން ދެ އެއަރލަނަކުންވެސް ވާހަކަ ދައްކަވަމުން އެބަދޭ. އިރާދަ ކުރެއްވީޔާ ނޮވެމްބަރު ފަހު ކޮޅު ނުވަތަ ޑިސެމްބަރު ކުރީގަ ޝެޑިއުލް ފްލައިޓްތަށް ސީދާ ސައުތު އެފްރިކާއިން ގަމައް ކުރެވޭތޯ މަސައްކަތް ކުރަމުން މިދަނީ. އަދި މުޅިން ފައިނަލައިޒް ނުވޭ. ނަމަވެސް އެއަރލާއިނާ އަޅުގަނޑުމެންނާ ވާހަކަ ދައްކަވަމުން މިދަނީ. އަޅުގަނޑުމެން ގަމުން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެމުން މިދަނީ." ލަތީފް ވިދާޅުވިއެވެ.

ސައުތު އެފްރިކާއާއި ގަމާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް މަސައްކަތްކުރަމުންދާއިރު މިކަމާގުޅިގެން ޓުއާ އޮޕަރޭޓަރަކުވެސް އައްޑޫ އަށް އައިސް ހޮޓަލިއާސް އާއި އެއާޕޯޓުގެ އިސްވެރިންނާ ބައްދަލުކޮށްފައިވާކަމަށް އައްޑޫ އިންޓިނޭޝަނަލް އެއާޕޯޓުން ބުނެއެވެ. އަދި މިހާރު ބެޑްތައް ވެސް ހަމަޖެހިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އެއާޕޯޓެވެ. މި އެއަރޕޯޓަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ކޮންމެ ދުވަހަކުވެސް ކުރަމުންދާއިރު، 2016 ވަނަ އަހަރުން ފެށިގެން ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ސްރީލަންކާއާ ދެމެދު، ސްރީލަންކަން އެއާލައިން އިންވެސް ދަނީ ހަފްތާއައަކު މަދުވެގެން 3 ޝެޑިއުލް ދަތުރު ކުރަމުންނެވެ.