ޓްރެފިކް ޤަވާއިދާ ޚިލާފްވެފެގެން ޖޫރިމަނާ ފައިސާ ދައްކަން ޖެހިފައިވާ ޒުވާނުންނަށް އިންސްޓޯލް މަންޓް އުސޫލުން ފައިސާ ދެއްކުމުގެ ފުރުސަތު ފަހިކޮށް އެއްދުވަހުން ލައިސަންސް ހޯދުމުގެ ފުރުސަތެއް ހުޅުވާލަން ނިންމައިފިއެވެ. 
 
އިކޮނޮމިކް މިނިސްޓްރީން މާދަމާރޭ ފަށާ "އެއްލަކިން މަށަށް ލައިސަންސް" މި ޕްރޮގްރާމުގެ ދަށުން ޒުވާނުންނަށް ހުޅުވާލާ މިފުރުސަތުހުޅުވާލާ ޚާއްސަ ޕްރޮގްރާމް އޮންނާނީ އަންނަ ހޯމަދުވަހުކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. 
ޓްރެފިކް ޤަވާއިދުތަކާ ޚިލާފުވެފައިވާ ޒުވާނުން ދައްކަންޖެހޭ ޖޫރިމަނާފައިސާ އެއްއަހަރުދުވަހުގެ ތެރޭގައި މުޅިއަހަރަށް ބަހާލައިގެން ދައްކާގޮތަށް އެކުލަވާލާފައިވާ އެއްބަސްވުމެއް އެކުލަވާލާފައިވާކަމަށާ، މިގޮތަށް އެއްބަސްވާ ޒުވާނުންނަށް ހޯމަދުވަހުގެރޭ އޮންނަ "އެއްލަކިން މަށަށް ލައިސަންސް" ޕްރޮގްރާމުގައި ލައިންސަންސް ހޯދުމުގެ ފުރުސަތު ހުޅުވާލާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. 
އަދި އެނޫން ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އެއްދުވަހުން ޑްރައިވިން ލައިސަންސް ލިބޭ ޕްރޮގްރާމް ''އެއްލަކިން މަށަށް ލައިސަންސް'' ޕްރޮގްރާމް މާދަމާ ރޭ ބާއްވާނެކަމަށް އެމިނިސްޓްރީންވަނީ ހާމަކޮށްފައެވެ. 
 
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ މުޙައްމަދު ވިދާޅުވީ، މިލައިސަންސް ޕްރޮގްރާމް ކުރިޔަށްދާނީ ރޭގަނޑު ނުވައަކުން ބާރައަށް ކަމަށާއި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތަކުން ހުށައަޅާ ފޯމްތައް ބަލައިގަތުން އޮންނަނީ ރޭގަނޑު ނުވައަކުން އެގާރަގަޑި ބަޔަށްކަމަށެވެ. މިފޯމްތަކުގައި ޖަހަން ބޭނުންވާ ފޮޓޮއާއި، ސްޓޭމްޕާއި އައިޑީކާޑްގެ ފޮޓޯ ކޮޕީ އާއި ފައިސާ ބަލައިގަތުމުގެ އިންތިޒާމްވެސް ހުރަވީ ބިލްޑިންގްގައި ހަމަޖައްސަވާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. 
"އެއްލަކިން މަށަށް ލައިސަންސް" މި ޕްރޮގްރާމްވެސް ކުރިޔަށްދާނީ ކުރިންވެސް ލައިސެންސް ދޫކުރުމުގައި ހަދަންޖެހޭ ތިއަރީ އަދި ޕްރެކްޓިކަލް ޓެސްޓާއި އެކުއެވެ. ދިވެހިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ސައިކަލް ލައިސެންސްގެ އިތުރުން ކާރާއި ޕިކަޕް ލައިސެންސްވެސް ލިބޭނޭކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. ލައިސަންސް ޙަވާލުކުރުން އޮންނާނީ ކޮންމެ ރެއެއްގެ ރޭގަނޑު 12 ޖަހާއިރު އޮންނަ ރަސްމިއްޔާތެއްގައި ކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ. އަދި މި ޕްރިގްރާމުގައި ބައިވެރިވެ ފެއިލްވާ މީހުންނަށް، އަލުން އެމީހަކު ބޭނުންވާ ވަރަކަށް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.