ކުޅިވަރު

16 އަހަރުން ދަށުގެ ކްރިކެޓް ޓީމް އޭސީސީ މުބާރާތަށް ތައްޔާރުވަނީ


މެޗެއް ކާމިޔާބުކުރުމުގެ އަމާޒުގައި އޭސީސީ ސޯޅަ އަހަރުން ދަށުގެ މުބާރާތަށް ރާއްޖޭގެ ޓީމް ތައްޔާރުވާން ފަށައިފިއެވެ.

 އަންނަ އަހަރިގެ ޖެނުއަރީ މަހު ދުބާއީގައި އޮންނަ އޭސީސީ ސޯޅަ އަހަރުން ދަށުގެ މުބާރާތުގެ ވެސްޓާރން ރީޖަންގައި ވާދަކުރަން ތައްޔާރުވާ ޓީމްގެ ކޯޗު އިސްމާއިލް ނިހާދު ބުނީ މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ވަރަށް ބުރަކޮށް ޓީމުން މަސައްކަތް ކުރަމުންދާކަމަށެވެ. ނިހާދު ބުނީ ޕްރެކްޓިސްތައް ކުރިޔަށްދާއިރު ސީނިއަރ ކުޅުންތެރިންނާއި، ޤައުމީ ކުރިކެޓް ޓީމުގެ ކޯޗުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުންދާކަމަށެވެ. 

މުބާރާތަށް ތައްޔާރުވުމުގައި ހުރަސްތަކެއް ހުރިކަން ފާހަގަކުރަމުން ނިހާދު ބުނީ މުބާރާތަށް ތައްޔާރު ވުމުގައި އެކަށީގެންވާ ވަސީލަތްތައް ނެތުމާއި މޫސުމީ މައްސަލައަކީ މިވަގުތައް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެހެންނަމަވެސް އުންމީދަކީ އެއް މެޗު ނަމަވެސް ކާމިޔާބުކުރުންކަމަށް ކޯޗު ފާހަގަކުރިއެވެ. ނިހާދު ބުނީ އެއްމެޗު ކާމިޔާބު ކޮށްގެންވެސް މުބާރާތުގެ ދެވަނަ ބުރަށް ދެވޭނެކަމަށެވެ.

" އެޓްލީސްޓް އެއް މެޗު ނަމަވެސް ކާމިޔާބު ކުރުން އަމާޒަކީ. އެއް މެޗުން މޮޅުވިޔަސް މުބާރާތުގެ ދެވަނަބުރަށް ދާނެ. ނިސްބަތުން ވަރުގަދަ ގުރޭޕެއްގައި ރާއްޖެ މިއޮތީ، އެހެންނަމެވެސް ވާދަކޮށްލެވޭނެ" ޤައުމީ ޓީމްގެ ކުރީގެ ކުޅުންތެރިޔާ ބުންޏެވެ.

ރާއްޖޭގެ ސޯޅަ އަހަރުން ދަށުގެ ކުރިކެޓް ޓީމުގައި ޒުވާން ހުނަރުވެރި ކުޅުންތެރިން އެބަތިބިކަމަށާއި ހުރި ވަސީލަތްތަކާއެކު ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމުގެ އުންމީދު ބޮޑުކަމަށް ކޯޗު ބުންޏެވެ. 

އޭސީސީ ސޯޅަ އަހަރުން ދަށުގެ ވެސްޓާން ރީޖަން ކުރިކެޓް މުބާރާތުގައި ޖުމްލަ ހަތް ޓީމް ވާދަކުރެއެވެ. ރާއްޖެއާ އެއް ގްރޫޕެއްގައި ދެން ހިމެނެނީ އޮމާންގެ އިތުރުން ޔޫއޭއީއެވެ. މުބާރާތް އޮންނާނީ އަންނަ ޖެނުއަރީ މަހުގެ ފަހަކުން ސާދައިގެ ނިޔަލަށެވެ.