ކުޅިވަރު

ކްރިކެޓް ލީގުގައި ކުނަހަންދޫ ދެ މެޗުވެސް ކާމިޔާބުކޮށްފި


އަންހެނުންގެ ކްރިކެޓް ލީގުގައި މިއަދު ކުޅުނު މެޗު ލ.ކުނަހަންދޫ އަންހެން ކްރިކެޓް ޓީމް ކާމިޔާބުކޮށްފިއެވެ. 

ޓީ ޓްވެންޓީ ކްރިކެޓް ލީގުގައި މިއަދު ކުޅުނު މެޗުގައި ޓޮސް ދިމާވެގެން ފުރަތަމަ ކުޅެން އެރީ މާލޭ ޓީމުންނެވެ. މާލޭ ޓީމުން ބެޓްކޮށްގެން ހެދުނީ 88 ލަނޑެވެ. ކުނަހަންދޫ ޓީމުން ކުޅެންއަރާ ދިހަ އޯވަރުގެ ތެރޭގައި ލަނޑު ހަމަކޮށް މެޗު ކާމިޔާބުކުރިއެވެ. 

މުބާރާތުގެ އިއްޔެ ކުޅުނު މެޗު ވިލިމާލޭ އަންހެން ކުރިކެޓް ޓީމާ ވާދަކޮށް ކުނަހަންދޫ ކާމިޔާބުކުރީ ފަސްވިކެޓުންނެވެ. މުބާރާތުގެ ފުރަތަމަ ސެމީފައިނަލުގައި ވާދަކުރާނީ ކުނަހަންދޫއާއި، މާލޭ އަންހެން ކުރިކެޓް ޓީމެވެ. މިމެޗުން މޮޅުވާ ޓީމަކަށް ސީދާ ފައިނަލުން ޖާގަ ލިބޭނެއެވެ. ބަލިވާ ޓީމެއް ކުޅޭނީ ވިލިމާލޭ އަންހެން ކުރިކެޓް ޓީމާއެވެ. 

މިމުބާރާތުގެ ފުރަތަމަ ލެގު މިދިޔަ ސެޕްޓެމްބަރުމަހު ކުރިއަށް ގެންގޮސްފައިވަނީ ފުވައްމުލަކު ސިޓީގައެވެ. މާލެއިން ޓީމަކާއި، ފުވައްމުލަކުގެ ދެ ޓީމް ވާދަކުރި މިމުބާރާތް ކާމިޔާބުކުރީ ފުވައްމުލަކު ކްރިކެޓް ޓީމެވެ. މިމުބާރާތަކީ އޭޝިއަން ކްރިކެޓް ކައުންސިލުން އޭޝިއާ ސަރަޙައްދުގެ އަންހެނުންގެ މެދުގައި ކްރިކެޓް ކުރިއެރުވުމަށް ކުރިއަށްގެންދާ މުބާރާތެކެވެ. 

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފަވަނީ އަންނަ މަހު ދެވަނަ ދުވަހުއެވެ.