ކުޅިވަރު

އެންމެ މޮޅު ފެތުންތެރިންނަށް ސަޖަންއާއި އަޝްރަފް ހޮވައިފި


މިދިޔައަހަރުގެ އެންމެ މޮޅު ފިރިހެން ފެތންތެރިއަކަށް ހަސަން އަޝަރަފް އަދި އަންހެން ފެތުންތެރިއަކަށް އައިމަނަތު ސަޖަން ހޮވައިފިއެވެ.

ހަސަން އަޝްރަފް ވަނީ އެންމެ މޮޅު ފިރިހެން ފެތުންތެރިޔާގެ އިތުރުން މިދިޔައަހަރު ރާއްޖޭގެ މުބާރާތްތަކުން އެންމެ މޮޅު ފެތުންތެރިޔާގެ މަޤާމްވެސް ހޯދާފައެވެ. މީގެއިތުރުން ސީނިއަރ ގުރޫޕުން ދެވަނަ ފެތުންތެރިޔާގެ މަގާމްވެސް ހޯދީ އަޝްރަފްއެވެ. މިދިޔަ އަހަރު އަޝްރަފް ބައިވެރިވި ބައިނަލް އަޤްވާމީ މުބާރާތްތަކުގެ ތެރެއިން ލަންކާގައި ބޭއްވި އެއްވަނަ ސައުތު އޭޝިޔަން އަކުއަޓިކްސް ޗެންޕިއަންޝިޕްގައި ހަތަރުސަތޭކަ މީޓަރު މެޑްލީ ރިލޭއިން ޤައުމީ ރެކޯޑްވެސް އަޝްރަފް ވަނީ އާކޮށްފައެވެ. އަޝްރަފް ބުނީ ލިބުނު އެވޯޑަކީ ސުވިންގައި އޭނާ ކުރި ހިތްވަރުގެ ނަތީޖާކަމަށެވެ. އަދި މިކާމިޔާބީ ލިބުމުގައި ވަރަށްގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބުނުކަމަށެވެ. މި ކުޅިވަރުގައި އޭނާ އަށް އެންމެ ބޮޑަށް އެހީތެރިކަން ލިބިގެންދަނީ ވަޒީފާ އަދާކުރަމުން އަންނަ އެމްއެންޑީއެފުގެ ފަރާތުން ކަން އަޝްރަފް ވަނީ ފާހަގަކޮށްފައެވެ. އަޝްރަފް ބުނީ ވަސީލަތްތައް މަދުނަމަވެސް މިދިޔަ އަހަރު ލިބުނު ކާމިޔާބީ ވަރަށް ރަނގަޅުކަމަށެވެ. ކުރިމަގުގައި އުންމީދަކީ ބައިނަލްއަޤްވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކުރުމުގެ އިތުރުން ޤައުމީ ގިނަ ރެކޯޑްތަކެއް ހެދުންކަމަށް އަޝްރަފް ބުންޏެވެ.

" އެންމެ ފުރަތަމަ އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން. އަޅުގަނޑު ވަޒީފާ އަދާކުރަމުންދާ އެމްއެންޑީއެފުގެ ފަރާތުން ވަރަށްބޮޑު އެއްބާރުމެއް ލިބުނު. މިކާމިޔާބީ ލިބުނީ ސުވިމިންގެ އެކި މުބާރާތްތަކުގައި ވަރަށް ހިތްވަރުކޮއްގެން" އަޝްރަފް ބުންޏެވެ.

img:http://s4.psmnews.mv/images/660x400/15116809363999.JPG|އެންމެ މޮޅު ފިރިހެން ފެތުންތެރިޔާ އަޝްރަފްއަށް ޔޫތް މިނިސްޓަރ އެވޯޑް ދެއްވަނީ: ފޮޓޯ-ޕީއެސްއެމް

އެންމެ މޮޅު އަންހެން ފެތުންތެރިޔަކަށް ހޮވުނު އައިމިނަތު ސަޖަން ވަނީ މިދިޔަ އަހަރު ބައިވެރިވި ބައިނަލްއަޤްވާމީ ގިނަ މުބާރާތްތަކެއްގައި ޤައުމީ ރެކޯޑް އާކޮށްފައެވެ. އޭގެތެރޭގައި ބްރެޒިލްގައި އޮތް އޮލިންޕިކް ކުޅިވަރު މުބާރާތާއި، އިންޑިޔާގެ ބޭއްވި ބާރަވަނަ ސައުތު އޭޝިޔަން ގޭމްސްއާއި، ލަންކާގައި އޮތް ފުރަތަމަ ސައުތުއޭޝިޔަން އަކުއަސްޓިކް ގޭމްސްއާއި، ތައިލެންޑުގައި ބޭއްވި ސުޕީޑޯ ސުވިމިންގ ޗެންޕިއަންޝިޕާއި، އަދި މެލޭޝިޔާގައި އޮތް މައިލޯ ޕްރެމް މެލޭޝިޔާ އޯޕަން ސުވިމިން މުބާރާތް ހިމެނެއެވެ. ސީނިއަރ ގުރޫޕުންވެސް އެއްވަނަ ފެންތުންތެރިޔާގެ މަޤާމް ހޯދި ސަޖަން ބުނީ ކާމިޔިބީއާއެކު ވަރަށް ބޮޑު އުފަލެއް ލިބިއްޖެކަމަށެވެ. އުންމީދަކީ އަންނަ އަހަރު އޮންނަ ސައުތުއޭޝިޔަން ގޭމްސްގައި ރަނގަޅު ނަތީޖާތަކެއް ހޯދުންކަމަށް ތިންވަނަ ފަހަރަށް އެއްވަނަ އަންހެން ފެތުންތެރިޔާގެ މަޤާމް ހޯދި ސަޖަން ބުންޏެވެ.

" ވަރަށް އުފާވޭ މިވަރުގެ ކާމިޔާބެއް ލިބުނީތީ. އުންމީދަކީ އަންނަ އަހަރު އޮންނަ އޭޝިޔަން ގޭމްސްގައި ރަނގަޅު ނަތީޖާއެއް ހޯދުން" ސަޖަން ބުންޏެވެ.

ސީނިއަރ ގުރޫޕް އަދި ޖޫނިއަރ ގުރޫޕުން ވަނަވަނައަށް ދިޔަ ފެންތުންތެރިންނާއި، އެކި މުބާރާތްތަކުން ޤައުމީ ރެކޯޑް ހާސިލްކުރި ފެތުންތެރިންގެ އިތުރުން އެކި މުބާރާތްތަކުގެ ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވި ފަރާތްތަކުގެ އަގުވެސް އެސޯސިއޭޝަނުން ވަނީ ވަޒަންކޮށްފައެވެ. ސްވިމިންގ އެސޯސިއޭޝަނަކީ ޤަވާއިދުން އެތްލީޓުންނާއި، ޚިދުމަތްތެރީންގެ އަގު ވަޒަންކުރަމުން އަންނަ އެސޯސިއޭޝަނެވެ.